މާލޭގެ ފުރާޅުތައް ކުއްޔަށް ނަގައިގެން ސޯލާ ޕެނަލް ހަރު ކުރުމުގެ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިރުން ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖްކެޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ރިނިއުބަލް އެނާޖީ ޑިޕާޓްމަންޓެއް އުފައްދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެ ޑިޕާޓްމަންޓުގެ ދަށުން މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭ ވަރުގެ ޕްރޮޖެކްޓެއް ޑިޒައިންކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ސޯލާ ޕެނަލް ހަރުކުރުމަށް ތަން ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން ފުރާޅުތައް ކުއްޔަށްދޭ ގޭގެ ވެރި ފަރާތުގެ ބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.
ތެލުގެ ހަރަދު ކުޑަ ކުރުމަށާއި ތެޔޮ އަންދާވަރު މަދު ކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!