ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން އެސްޓީއޯއަށް ދިން ނ. އެކުޅިވަރު ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު މިއަންނަ މަހުގެ ހައެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ އީއޯއައި އަށް ބޭނުންވާ ކަންތައްތައް ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ހުންނާނެ ކަމަށެވެ. އަދި ޓީއޯއާރު އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
އެކުޅިވަރު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުރަތަމަ ހަވާލުކޮށްފައިވަނީ 2008 ވަނަ އަހަރުގައި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެމްޓީޑީސީން ވަނީ އެ ރަށުގައި 180 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ރިޒްކާލްޓަންއާއެކު ޖޮއިންޓްވެންޗާ ކުންފުންޏެއް ހަދާފައިވެ އެވެ. އީއެންއޭ ހޮލްޑިން ކޮމްޕެނީގެ ނަމުގައި އުފައްދާފައިވާ ޖޮއިންޓްވެންޗާ އެގްރިމަންޓްގައި ސޮއިކުރީ މާޗް31، 2008، ގަ އެވެ. އަދި އެ ކުންފުންޏާއެކު އެމްޓީޑީސީން ސަބްލީސް އެގްރިމަންޓްގައި ސޮއިކުރީ ޖުލައި 1، 2008، ގަ އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެމްޓީޑީސީއާ އެކު ހެދި ހެޑް ލީސް އެއްބަސްވުން އުވާލައި، އެރަށް އެމްޓީޑީސީ އަތުން އަތުލައިފަ އެވެ.
އެމްޓީޑީސީއަށް 29.5 މިލިއަން ޑޮލަރު ދައްކަން އީއެންއޭގެ މައްޗަށް ކޯޓުން ވަނީ މިދިޔައަހަރުގެ މާރިޗްމަހު ކޯޓުންވަނީ ހުކުމެއްވެސް ކޮށްފައެވެ. ހުކުމްކުރީ އެމްޓީޑީސީއާ އެކު ސަރުކާރުން ހެދި އެއްބަސްވުން މެއި، 2016 ގައި އުވާލިއިރު އީއެންއޭ އިން އެމްޓީޑީސީ އަށް ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރަމުންނެވެ.
އެއަށްފަހު އެކުޅިވަރު ތަރައްގީކުރަން އެސްޓީއޯއަށް ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!