ރ. ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ހާބަ ބޭސިން އިތުރަށް ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

Ad
rt

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ.

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހަރުކުރުމާއި 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.