ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އިއްޔެ ބުނީ، އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި އެ ކަންކަމާ ގުޅޭ އެހެނިހެން ވަސީލައްތައްވެސް ގާއިމްކުރާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރަން ވަނީ ނިންމާފައެވެ.
އެ މަޝްރޫއާއެކު މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވެގެންދާނެއެވެ. އަދި ފްރީޒިން ކެޕޭސިޓީ 37 އިންސައްތައަށް އިތުރުވެގެންދާނެއެވެ.
އެ މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި މިފްކޯއަށާއި މުޅި ގައުމުގެ އިގުތިސޯދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްގީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!