ޤާނޫނީ ވަކީލުންގެ ޙައްޤުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިންމައި، ކޮމެޓީގެ މުޤައްރިރުގެ އަމިއްލަ ކެމްޕެއިންގައި އުޅުމަކީ އެ ވަކީލުންގެ ޙައްޤަށް އަރައިގަތުން ކަމަށާއި، ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤަައްރިރަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

Ad
rt

ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެތައް ސަތޭކަ ޤާނޫނީ ވަކީލުންގެ ޙައްޤުގައި ޖުޑީޝަރީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިންމާ، ކޮމެޓީގެ މުޤައްރިރުގެ އަމިއްލަ ކެމްޕެއިންނަށް ކޮމެޓީގެ ގިނަ މެންބަރުންނާއެކު އުޅުމަކީ އެ ޤާނޫނީ ވަކީލުންގެ ޙައްޤަށް އަރައިގަތުން ކަމަށެވެ. އަދި އެފަރާތްތަކުގެ ޙައްޤު ހޯދޭނެ އެހެން ގޮތެއް ހޯދެންޖެހޭކަމަށެވެ.

"ސަރުކާރުން އެ ކުދިންގެ ޙައްޤަށް އަރައި ގަންނަނީ ކަމަށް ދައްކައި، އެ ހުރިހާ ކުދިންގެ ޢާއިލާގެ ނަފުރަތު ސަރުކާރަށް ލެންބުމަށް ކުރާކަމެއް ކަމަށް ނޫނީ މިކަން ވާނެތޯ؟ ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް، އަވަސް ހައްލެއް ބޭނުން" އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޓެގް ކުރައްވާފައިވާ ނިހާދުގެ އެ ޓްވީޓް ގައި ވިދާޅުވެފައި ވެއެވެ.

ބެލެވޭ ގޮތުގައި ނިހާދު އެ އިޝާރާތް ކުރައްވަނީ ބާ ކައުންސިލް އިމްތިހާނުގައި ބައިވެރިވުމުގެ ފީއާ ގުޅޭގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ޖުޑިޝަރީ ކޮމެޓީއަށް ހުށަަހަޅުއްވާފައިވާ މައްސަލައަށެވެ. އުޝާމް އެ މައްސަލަ ހުށަހެޅުއްވީ މިދިޔަ މާރިޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ނިހާދު މި މޭރުމުން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ނައިބު މުޤައްރިރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ އަކީ ވެސް އިންތިގެ ކެމްޕެއިންގައި އުޅުއްވާ ބޭފުޅެކެވެ. އަދި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފަކީ ވެސް އިންތި ކެމްޕެއިން ޓީމްގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ އެ ކޮމިޓީން ނިހާދު ވަނީ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ވެސް ދެއްވާފައެވެ. އެދުވަހު މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ ޒިންމާ އަދާނުކުރާ ކޮމިޓީއެއްގައި ހުންނަން ބޭނުންފުޅުނުވާ ކަމަށާއި ޖުޑީޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމާ އަމިއްލަ އެދުމަށް އުޅުން "ކަޑަ"ކަމަށެވެ.
ކޮމިޓީން ނުނިންމާ ހުރި މައްސަލަތަކުގެ ތެރޭގައި ބާ އިމްތިހާނާއި ހައިކޯޓުގެ މައްސަލަތަކާއި ކޯޓުތަކާބެހޭ ގާނޫނާއި ހެއްކާބެހޭ ގާނޫނުގެ މަަސައްކަތް ކަން ނިހާދު ވަނީ ފާހަގަކުރައްވާފައެވެ.