ރާއްޖޭގެ ކައުންސިލަކުން ފުރަތަމަ ފަހަރަށް އަމިއްލައަށް އެއާޕޯޓެއް އަޅަން މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފެށީ ލ. ހިތަދޫ ކައުންސިލުންނެވެ. އެ ކައުންސިލުން އެއާޕޯޓެއް އަޅަން އުޅެނީ އެ ރަށާ ކައިރި އޮންނަ މެންދޫގައެވެ. އެ ރަށުގައި އެއާޕޯޓް ހަދަން ދިރާސާ ކުރާނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.
ހިތަދޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ފަރާތުން މެންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ދިރާސާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު އަންނަ މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިކަމަށް ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުންނަށްވެސް ހުށަހެޅޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެ މަސައްކަތަށް ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަންޖެހޭ އިރު ބެންކު ގެރެންޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅާންޖެހޭނެއެވެ.
މެންދޫގެ ބިމުގެ ބޮޑުމިނުގައި 65.6 ހެކްޓަރެވެ. އެ ރަށް މިހާރު ބޭނުން ކުރަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!