ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި އޮތީ އިސްތިއުނާފްގެ 48 ގަޑިއިރުގެ މުއްދަތު ހަމަވެފައިވާތީ ކަމަށް ބުނެ އެވެ. ދައުލަތުން ބުނީ 48 ގަޑިއިރު ގުނާނީ ނިންމުން ނިންމި ދުވަސް ނުހިމަނާ ކަމަށެވެ. އެކަމަކު ހައި ކޯޓުން ނިންމާފައި އޮތީ އެ ނިންމުން ނިންމާ މިނެޓުން ނުވަތަ ގަޑިއިރުން ފެށިގެން މުއްދަތު ހިނގާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމީ ނިންމުން ނިންމާ މިނެޓުން ގަޑިއިރުން ފެށިގެން މުއްދަތު ހިނގަން ފަށާނެ ކަމަށެވެ. އެކަމަކު ދައުލަތުން އެކަމުގައި ރިއާޔަތްކުރީ ގޯސް މާއްްދާއަކަށް ވާތީ އާއި މީގެކުރިން އެ މާއްދާ އެއްވެސް ކޯޓަކުން މާނަ ކޮށްދީފައި ނެތުމުން މީގެކުރީގެ މައްސަލަތަކުގައި އަމަލުކުރި ގޮތް ސައްހަވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންވެ، އައްމަޓީގެ މައްސަލަ ވެސް އަލުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އައްމަޓީގެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގު ވިޔަސް، ވަގުތު ގުނާނެ ގޮތާ މެދު ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވި އެވެ. 48 ގަޑިއިރު ގުނާނީ މިނެޓުން ކަމަށް ދެ ފަނޑިޔާރުން ރައުޔު ނެރުނުއިރު އަނެއް ފަނޑިޔާރުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ވާނީ ދުވަހުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!