ކަނަމަދުން ތައްޔާރުކުރާ ކެއުމުގެ ބާވަތްތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ބާވަތްތަކެކެވެ.
ފަހަކަށް އައިސް ރޯދަމަހުގެ ސުފުރާމަތިން ކަނަމަދުން ތައްޔާރުކޮށްފައި ހުންނަތަން އެންމެ ގިނައިން ފެންނަނީ ކަނަމަދު ކޭކެވެ. ނަމަވެސް މިއަދު މިކިޔާދެނީ "ކްރީމީ ކަނަމަދު ކޭކު" ތައްޔާރު ކުރާނެ ގޮތެވެ.
ކޭކަށް ބޭނުންވާނެ ތަކެތި:
1 ޖޯޑު ފުށް
1/2 ޖޯޑު ހަކުރު
1/2 ޖޯޑު ކަނަމަދު (އެހާ ހިމުން ނުކޮށް މުގުރާފަ)
2/3 ޖޯޑު ތެޔޮ
3 ބިސް
1/2 ސައި ސަމްސާ ބޭކިންގް ޕައުޑަރ
1/2 ސައި ސަމްސާ ކޮފީ
1/2 ޖޯޑު ކިރު
1/4 ސައި ސަމްސާ ލޮނު
1 ސައި ސަމްސާ އެސެންސު
ކޭކު ތައްޔާރު ކުރާނެ ގޮތް
ބޭކިންގ ޕައުޑަރ އާއި ފުށް އެއްކޮށްލާފައި ހަކުރާއި ކިރު އާޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވީމައި ބާކީ ހުރި ތަކެތީގެ ތެރެއިން އެސެންސާއި މުގުރި ކަނަމަދު ފިޔަވާ ފަހަރަކު އެއްޗެއް އަޅަމުން އެއްކުރަމުން ދާށެވެ. 10 މިނެޓް ވަންދެން ގިރާލީމައި ރަނގަޅުވާނެ އެވެ.
ރަނގަޅަށް ގިރާލެވިނީމައި އެސެންސާއި މުގުރި ކަނަމަދު އަޅާފައި އެއްކޮށްލާށެވެ. މިބައި ނިމުމުން ސެޓްކުރަން ބޭނުންވާ ޓްރޭގައި ތެޔޮ ހާކާލުމަށްފަހު ފުށްކޮޅެއް ބުރުވާލުމަށްފަހު ތައްޔާރުކުރި ފުށްގަނޑު އެއަށް އަޅާފައި ފިހަން ލާށެވެ. ނޫންނަމަ ޓްރޭގައި ބޭކިން ސީޓްއެއް އަޅާލާފައި އެއަށް ފުށްގަނޑު އަޅާށެވެ. އެއިރަށް ކޭކު ފިހެވުމުން ނަގަން ފަސޭހަ ވާނެއެވެ.
ކޭކު ފިހާނީ 180 ޑިގުރީ ހޫނު މިނުގައި 30 މިނެޓު ވަންދެން ނެވެ. އެހާބޮޑަށް ހިކެންދެން ފިހާނެކަމެއް ނެތެވެ. އެކި އަވަން ތަކުގައި ހޫނު މިން ތަފާތު ވާނެ އެވެ. މިކަމަށް ސަމާލުވާން ވާނެއެވެ.
ޓޮޕިން އަށް ބޭނުންވާނެ ތަކެތި:
1 ދަޅު ގެރިކިރު
3 ސަމްސާ ބަޓަރު
1 ސަމްސާ ކޮކޯ ޕައުޑަރ
1/2 ސައިސަމްސާ ވެނީލާ އެސެންސު
1/2 ޖޯޑު ކަނަމަދު (އެހާ ހިމުން ނުކޮށް މުގުރާފަ)
1/4 ޖޯޑު ކަނަމަދު (މެދުން ތުނިކޮށް ފަޅާފައި)
ޓޮޕިން ތައްޔާރު ކުރާނެ ގޮތް:
ބަޓަރ ކޮޅު ތެއްޔަކަށް އަޅާލާފައި އުދާށެވެ. ދިޔާވީމާއި ގެރިކިރާއި ކޮކޯ ޕައުޑަރ އަޅާ އެއްކޮށްލާފައި ގިރާލާށެވެ. މަޑު ގިނީގައި ހާކަމުން ކައްކަމުން ގެންދާށެވެ. ގެރިކިރު އޮލަވާން ފެށުމުން ބޮޑެތިކޮން ބޮކި ޖަހަން ފަށާނެ އެވެ.
5 މިނެޓު ވަންދެން ކައްކާފައި މުގުރި ކަނަމަދުކޮޅު އަޅާފައި އިތުރު 5 މިނެޓް ކައްކާށެވެ. ޖުމްލަ 10 މިނެޓް ކެކުނީމައި ވެނީލާ އެސެންސް އަޅާފައި އެއްކޮށްލުމަށް ފަހު އުނދުން ނިއްވާލާށެވެ.
ކޭކާއި ޓޮޕިން ހިހޫވީމައި ކޭކުމައްޗަށް ތައްޔާރު ކުރި ކްރީމް އަޅާ އެއްވަރު ކޮށްލާށެވެ. ބޭނުން ނަމަ ކޭކު އަރިމަތިން މެދުން ފަޅާލާފައި އެތެރެއަށް ލޭޔާއެއް ވާހެން ކްރީމް އަޅާ ލެވިދާނެއެވެ. ބޮޑަށް ކޭކުގެ ތެރެއަށް ވަންނާނީ ދިޔާކޮށް ހުރިއްޔާއެވެ. އޮލަކޮން ހުރީވިއްޔާ ހުންނާނީ ހަމަ އެކަނި ކޭކުގެ ބޭރުގައި ހޭކިފައެވެ.

ކްރީމް މައްޗަށާއި ވަށައިގެން އެޅުމަށްފަހު ތުނިކޮށް ކޮށާފައި ހުރި ކަނަމަދު ރީތިކޮށް އަޅާލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!