އދ. ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމުގައި ހިމެނޭ 4.91 ކިލޯމީޓަރު ދިގު ފެންހޮޅީގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތުގެ އިތުރުން ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު މުޅިން ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތެވެ. ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިމިފައެވެ.

އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ގޭގެގައި ފެން މީޓަރު ބަހައްޓައިދިނުމާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރާނެއެވެ. އަދި ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާނެ ސާމާނު ވެސް ފޯރު ކޮށްދޭނެއެވެ.

މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.