އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ކުއްލި މައްސަލަތައް ގަވާއިދަށް ނުފެތޭކަމަށް ބުނެ، ހުއްޓުވަން ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން އެދިވަޑައިގަންނަވާކަމަށާއި، ނަމަވެސް އެހެން އެކަން ނުކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ، ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާ ދިނުން ލަސްވެ އެކަމުގައި އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައާއިގުޅޭ އެޖެންޑާ ނަމްބަރު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިން ދުވަހެކޭ އެއްގޮތަށް ކުއްލި މައްސަލައާއި ގުޅިގެން ނުކުތާއެއް ފާހަގަ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
"ކުއްލި މައްސަލަ ހުށަހެޅުނީމައި އެ މައްސަލަ ބަހުސް ކުރުން ހުއްޓުވުމަށް، އެބައެދޭ ސަރުކާރަށް ތާއީދުކުރާ ބައެއް ރައްޔިތުންގެ މަޖިލިސްގެ މެންބަރުން، އެ މެންބަރުން ދެކިވަޑައިގަންނަވާ އަޅުގަނޑުގެ މަސްއޫލިއްޔަތެކޭ އެއީ އެ ހުއްޓުވުން، އެ ޤަވާޢިދަށް ނުފެތޭކަމަށް އަޅުގަނޑު ބުނެ، އަޅުގަނޑު އެކަންކުރާކަށް ނެތިން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެބާވަތުގެ ކަމެއް މަޖިލީހުގެ މެޖޯރިޓީ ގްރޫޕުން އެދިވަޑައިގަންނަވާ ނަމަ އެބޭފުޅުން އެކަން ވޯޓުން ނިންމެވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ކުއްލި މައްސަލައެއް ކުރިއަށް ގެންދެވޭމީ އެ ކުއްލި މައްސަލައެއް ބަލައިގަތުމަށް ވޯޓަށް އެހުމަށްފަހު ފާސްވެގެންކަން ފާހަގަ ކުރެއްވިއެވެ.
"އެހެންނަމަވެސް މިތާނގައި ކުއްލި މައްސަލައެއް ހުށަހެޅުމުގެ ފުރުޞަޠު ނުދިނުމަށް ބައެއް މެންބަރުން ބާރު އަޅުއްވާ، އަޅުގަނޑަށް ދެންނެވޭނީ އެއީ އަޅުގަނޑު މި މަޖިލިސް ހިންގާން އެދޭ ގޮތެއް ނޫނޭ، މަޖިލީހުގެ ގަވާޢިދުގެ 170 ވަނަ މާއްދާ މިއޮތީ ކުއްލި މައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެނުވަތަ ޤައުމުގެ މަސްލަހަތު އެކުލެވިގެންވާ މުހިންމުކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަޠު ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ސައީދުގެ މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ވޯޓުގެ މަރުހަލާ ވަނީ ކުރިއަށް ގެންދަވާފައެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 39 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ ކުއްލި މައްސަލަ ބޭރުކޮށްލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!