ހޯމަ ދުވަހުގެ ރޭ ކުޅުނުމެޗުން ބާސާ ބަލިކޮށް ކަޑިޒް ތާރީހީ މޮޅެއް ހޯދައިފިއެވެ.

މީ ކަޑިޒް އަށް ބާސާ ދަނޑުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މި މެޗުން ކަޑިޒް މޮޅުވީ 1-0 އިން ނެވެ.

Ad
rt

މި ދެޓީމް އެންމެ ފުރަތަމަ ބާސާ ދަނޑުގައި މެޗެއް ކުޅެފައިވަނީ މީގެ 44 އަހަރު ކުރިންނެވެ. އެމެޗް ނިމުނީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ.

ރެލިގޭސަން އިން ސަލާމަތްވާން މަސައްކަތް ކުރާ ކަޑިޒް އަށް މީ މޮޅެއްގެ އިތުރުން ލިބުނު ހިތްވަރެކެވެ. މި މެޗުން މޮޅުވެ ކަޑިޒް ވަނީ ތާވަލްގެ 18 ވަނައިން 16 ވަނަ އަށް ޖެހިލާފައެވެ.

75 އިންސައްތަ ބޯޅަ ހިފައްޓައިގެން ކުޅުނު ބާސާއިން ވަނީ 18 ހަމަލާއެއް ފޮނުވާލާފައެވެ. ކަޑިޒް 6 ހަމަލާ ވަނީ ފޮނުވާލާފައެވެ. 5 ރީދޫ ކާޑް ފެނުނު މި މެޗްގައި ޖެހި ހަމަ އެކަނި ގޯލް މެޗްގެ 48 ވަނަ މިނެޓްގައި ކަޑިޒް އަށް ކާމިޔާބު ކޮށްދިނީ 33 އަހަރުގެ ފޯވާޑް ލުކަސް ޕެރޭޒް އެވެ.

މިއީ ލީގް މެޗެއްގައި މިއަހަރު ބާސާގެ ފުރަތަމަ ބައްޔެވެ. ލީގް ތާވަލްގައި ބާސާ އޮތީ 60 ޕޮއިންޓާއެކު ދެވަނައި ގައެވެ. ލީގުގައި ބާކީ ބާސާއަށް އޮތީ 7 މެޗެވެ. ބާސާ ދެން އެންމެ އަވަހަށް ނިކުންނާނީ ރިއާލް ސޮސައިޑް އާ ދެކޮޅަށް ލީގް މެޗަކަށެވެ. ސޮސައިޑް ދަނޑުގައި ކުޅޭ މި މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 00:30 ގައެވެ. މެޗުން މޮޅުވި ކަޑިޒް އަމިއްލަ ދަނޑުގައި ބިލްބާއޯ އާއި ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެރޭ 23:00 ގައެވެ.