ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ
ހަވާލުކޮށްފިއެވެ.
އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ، އަދި ލ) ޒޯން 5 (ގއ. އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.
އެ ޒޯންތަކަށް ހިދުމަތް ދޭން ޖުމްލަ 65 ލޯންޗް ބަންނާނެއެވެ. އެ ލޯންޗުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރައި ފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކޮށްފައިވާ ލޯންޗުތަކެކެވެ. ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ވެސް ހުންނާނެއެވެ.
ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަމިނަލް އިމާރާތް ކުރާނެއެވެ. އެއީ ޒޯނުތަކަށް ހާއްސަ ފަސް ޓާމިނަލާއި 31 ފެރީ ޓާމިނަލުގެ އިތުރުން 113 ފެރީ ސްޓޮޕްއެވެ.
މި މަސައްކަތް ނިމުމުން މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް މުޅި ރާއްޖެ ގުޅުވާލުމަށް ކުރާ މަސައްކަތެކެވެ.
މި މަޝަރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެ ފިޔަވަހީގެ ދަށުން ލޯންޗުތައް ބަދެ ނިމިފައިވާއިރު ވަރަށް އަވަހަށް ދަތުރުތަށް ފަށަން ވަނީ ނިންމާފައެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީޓާމިނަލް ޤާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!