ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 3 ބިލެއް ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވާފައިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ވިދާޅުވީ މިއަދު ފޮނުވި ތިން ބިލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލު ކަމަށެވެ.
ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ ތަފްޞީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިޢުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ޙާލަތްތަކާއި އެކަން ކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކުރުމަށާއި އެ ނޫން ވެސް ޖިނާއީ ޢަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމުގަ އާއި ޤާނޫނޫ ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންކަމުގައި ވިދާޅުވި އެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ޚާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
އަދި ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށާއި، ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިޞްލާހުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، އެ ކަންކަން ބެލެހެއްޓުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމަކީ ކުނި މެނޭޖުކުރުމުގެ ބިލުގެ ބޭނުން ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުނމާއި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުން އަދި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!