އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވައިލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމުން އެއީ ޖެއްސުމަށް ކުރާ ކަމެއްކަމަށް ބައެއް ކައުންސިލްތަކަށް ހީވެއްޖެކަމަށާއި، ނަމަވެސް އެއީ ޖެއްސުމަށް ކުރާކަމެއް ނޫންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެވެ.
އީވާ ހުށަހެޅުއްވި އެ ގަރާރަށް މިއަދު މަޖިލިސް ތަޅުމުގައި ބަހުސް ކުރަށްވަމުން ވިދާޅުވީ، އޭނާ އެ ގަރާރު ހުށަހެޅުމުން ވެސް "އެތައް ބައިވަރު" ވާހަކަތަކެއް އޭނާއާއި ހަމައަށް އަނެއްކާވެސް އައިސްފިކަމަށެވެ. އަދި "އެތައް ބައިވަރު" ޑަބްލިއު.ޑީ.ސީއެއްގެ މެންބަރުންނާއި، "އެތައް ބައިވަރު" ކައުންސިލެއްގެ އަންހެން މެންބަރުން އަނެއްކާވެސް އޭނާއަށް
ވާހަކަތަކެއް ފޮނުވައިފިކަމަށެވެ.
މި ގަރާރު ލުމުން ވެސް އެ މީހުނަށް އިތުރު ދުއްތުރާތަކަކާ ދިމާވަމުންދާކަމަށް އީވާ ވިދާޅުވިއެވެ. އަދި ރައްޔިތުން މަޖިލީހުގެ އެތައް މެންބަރުންނަކާ ހަމައަށް މިހާރު އެ ވާހަކަ ގޮސްދާނެކަން ޔަގީން ކުރަށްވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ނަންތަކަކާއި، ރަށްތަކަކާއި، އަތޮޅުތަކަކާ މި ވަގުތު ދަންނަވާކަށް ބޭނުމެއް ނޫން. އެއީ އަޅުގަނޑުގެ ބޭނުމަކީ މިކަން ރަނގަޅުކުރުން. އެހެންނަމަވެސް، އެއްބައި ކައުންސިލުތަކަށް ހީވެއްޖެ އިއްޒަތްތެރި ރައީސް، މިއީ ޖެއްސުމެއްގެ ގޮތުގައި ކުރަންއުޅޭ ކަމެކޭ. މިއީ ޖެއްސުމެއްގެ ގޮތުގައި ކުރަންއުޅޭ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މި ނިޒާމު ފުރިހަމަވާން." އީވާ ވިދާޅުވިއެވެ.
ބޭނުންފުޅުވެގެން އުޅުއްވަނީ، އިންތިޚާބުކޮށްފައިވާ އަންހެން ކައުންސިލަރުންނަށާއި ޑަބްލިއު.ޑީސީގެ މެންބަރުންނަށް އެ މީހުންގެ ޒިންމާ އަދާކުރެވޭނޭ ގޮތް ވުމަށް ކަމަށާއި، ރަށްރަށުގައި، ކައުންސިލުތަކުގައި އިންތިޚާބުވެފައި އެ ތިބަ އަންހެން ކައުންސިލަރުންނާއި ޑަބްލިއު.ޑީ.ސީ މެންބަރުންނަކީ މިއަދު އެ ރަށްރަށުގެ ލީޑަރުން ކަމަށް އީވާ ވިދާޅުވިއެވެ.
"މިއަދު އެ ރަށްރަށުގެ އަންހެން ލީޑަރުން އެއީ. މިއަދު އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭގައި ކަންކުރާ ގޮތް! އެ ވެގެންދާނެ މުސްތަޤުބަލުގައި އެ ރަށްރަށުގައި ނުކުންނާން ތިބި އަންހެން ކުދިން، އެ މީހުން އެ މީހުންގެ މުޖުތަމަޢާއި، އެ މީހުން، އެ މީހުންގެ މުސްތަޤުބަލާ ދޭތެރޭގައި ދެން އަޅާނެ ފިޔަވަޅެއް ވަރަށް ބޮޑަށް ކަނޑައެޅިގެންދާނެ، މިއަދު އެ އަންހެން ކައުންސިލަރުންނަށް ޖާގަދޭ މިންވަރާއި، އެ އަންހެން ކައުންސިލަރުންނާ ދޭތެރޭގައި ކަންކުރާ ގޮތުން." އީވާ ވިދާޅުވިއެވެ.
މިއަދު އަންހެން ކައުންސިލަރުންތަކެއް ރަށްރަށަށް އިންތިޚާބުކޮށްފައި އެ "މީހުންނަށް ފުރައްސާރަކުރަންށާއި، އެ މީހުން ކުޑަކުރަންށާއި، އެ މީހުން އޮއްބާލަން މަސައްކަތްކޮށްފިއްޔާ" އެމަންޒަރު ބަލާން ތިބި އެ ރަށްރަށުގެ، އެ އަތޮޅު އަންހެން ކުދިން، އެ މީހުންގެ މުސްތަޤުބަލުގައި ދެން ނުކުންނާން ޖެހިލުންވާނެ ކަމަށާއި، އެހެންކަމުން މިހާރު އިންތިޚާބުވެފައިވާ ކައުންސިލަރުންނަށް ހިތްވަރުދޭންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.
"މި ކައުންސިލަރުންގެ ފަހަތުގައި އަޅުގަނޑުމެން ނިކަން ވަރުގަދައަށް އެބަ ތިބޭންޖެހޭ. އެއީ އެ ރަށްރަށުގެ އަންހެނުން ބާރުވެރިކުރުމަށް ޓަކައި ވެސް އަދި ލާމަރުކަޒީ ނިޒާމު
ފުރިހަމަކުރުމަށް ޓަކައި ވެސް." އީވާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!