މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ސުވާލެއް ފޮނުވާފައި ވަނިކޮށް، "އިދާރީ އޮޅުމަކުން" މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މެންބަރު ވައްޑޭ ލިޔުމުން ޖަވާބު ހޯދަން ފޮނުއްވާފައި ވަނީ ސައޫދީ ފަންޑްގެ އެހީގައި ދިއްދޫގައި ގާއިމު ކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނުފެށޭތީ އެކަމާއި ގުޅޭގޮތުންނެވެ.
މިނިސްޓަރު ޙުސައިން ވަނީ، މެންބަރު ވަޙީދުގެ މި ސުވާލަށް ޖަވާބުދެއްވައި، އެ ޖަވާބާއި ގުޅިގެން ކުރެއްވި ސުވާލަށް ވެސް ޖަވާބު ދެއްވާފައެވެ.
އޭގެ ފަހުން ހިނގީ މެންބަރުން ވަޒީރާ އިތުރު ސުވާލު ކުރުމުގެ ވަގުތެވެ. އެ ވަގުތުގައި މެންބަރުން ފުލުފުލުން ކުރެއްވި ސުވާލުތަކަށް ވަޒީރު ޖަވާބު ދެއްވަމުން ދަނިކޮށް ޖަލްސާ ފެށިތާ 25 ވަނަ މިނިޓްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މިނިސްޓަރާއި ކުރުމަށް ފޮނުއްވާފައިވާ ސުވާލަށް ރިއާޔަތްކޮށް، އެ ސުވާލުގެ ޖަވާބު ލިޔުމުން ވެސް ދެއްވަންޖެހޭކަން ފާހަގަ ކުރަށްވާފައެވެ.
އެއާއިއެކު މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކުޑަވަގުތުކޮޅެއް ނެންގެވުމަށްފަހު ވިދާޅުވީ، އެ ނިޒާމީ ނުކުތާ ބަލައިގަންނަކަމަށެވެ. އަދި ވަޒީރަށް ސުވާލު ފޮނުވާފައި ވަނީ ލިޔުމުން ޖަވާބު ހޯދުމަށްކަމަށާއި، މަޖިލިސް ތަޅުމަށް ވަޒީރު މިއަދު ހާޒިރު ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށް ވިދާޅުވެފައެވެ.
"އިއްޒަތްތެރި މެންބަރު އަޅުގަނޑު އިއްޒަތްތެރި މެންބަރުގެ ނިޒާމީ ނުކުތާ ބަލައިގަންނަން، އިއްްޒަތްތެރި ވަޒީރު މިތަނަށް ވަޑައިގެން ތި އިންނެވީ، އަޅުގަނޑުމެންނަށް އިއްޒަތްތެރި ވަޒީރު އަރިހުގައި ވަޑައިގަންނަވަން ދެންނެވުނީ ގޯހަކުން، އަޅުގަނޑުމެން އިއްޒަތްތެރި ވަޒީރަށް މިތަނަށް ޖަވާބު ލިޔުމުން ފޮނުވަން ދަންނަވަންޖެހިފަ އޮންނަން ޖެހޭނީ، މިކަންތައް މިއަދު އަޅުގަނޑުމެންނަށް މިއަދު ހިނގާ ދިޔައީ މިކަން ހިނގާންވީ ގޮތަކަށް ނޫން، އެހެންވީމަ އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ޝުކުރިއްޔާ އަދި ވަރަށް ބޮޑަށް މަޢާފަށް ވެސް އެދެން" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ވަޒީރާ ސުވާލުކުރުމުގެ މަސައްކަތް ނިމުނީކަމަށް ރިޔާސަތުން ވަނީ ޢިއުލާން ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!