މެލޭޝިޔާގެ ނަން މަޝްހޫރު ފަތުރުވެރިކަމުގެ ފެއާރ، މާޓާ 2022ގާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.
އޭޕްރިލް މަހުގެ 9-10ވަނަ ދުވަހަށް ކުރިއަށްދާ މި ފެއާރގައި ބައިވެރުވުމުގެ މަގުސަދަކީ ދެކުނު އޭޝިޔާ މާކެޓުގާ ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީނަ ބުނެއެވެ.
މި ފެއާރގައި ވިޒިޓް މޯލްޑިވްސް އާއެކު 7 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ.
މާޓާ 2022 އަކީ މެލޭޝިޔާގާ ބާއްވާ އެންމެ މަގުބޫލު އެއް ފެއާރއެވެ. މި ފެއާގައި ބައިވެރިވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާ ބައްދަލުވެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ގިނަ ފުރުސަތުތައް ދިވެހިރާއްޖެއަށް ފަހިވެގެންދާނެއެވެ. މި ފެއާރގައި ބައިވެރިވުމަކީ ދެކުނު އޭޝިޔާ މާކެޓްގެ ޓްރެވެލް ޓްރޭޑް, މީޑިޔާ, އަދި އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ދެކުނު އޭޝިޔާ މާކެޓުގާ ދިވެހިރާއްޖޭގެ ބްރޭންޑް އަދިވެެސް މަޝްހޫރުވެފައިވަނީ މައިގަނޑުގޮތެއްގައި ލަގްޒަރީ-ހަނީމޫން މަންޒިލެއްގެގޮތުގައެވެ. އެހެންކަމުން މި ފެއާރގައި ވިޒިޓް މޯލްޑިވްސްގެ އެއް އަމާޒަކަށްވީ ދިވެހިރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށްވެސް އެންމެ މަގުބޫލު އަދި ހިތްހަމަޖެހޭ އެއް މަންޒިލެއްކަން އިޝްތިހާރުކުރުމެވެ.
މިގޮތުން، ރާއްޖޭގެ ހަތަރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ކަމުގައިވާ ރިޒޯޓް, ގެސްޓްހައުސް, ލިވަބޯޑް, އަދި ހޮޓެލްތައް އިޝްތިހާރުކުރުމުގެ އިތުރުން، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުންނަ ތަފާތު ހާއްސަ ތަޖުރިބާތައްވެސް މިފެއާރގެ ޒަރިއްޔާއިން އިޝްތިހާރުކުރިއެވެ. މީގެ އިތުރުން، މި މާކެޓަށް ކަނޑައަޅާފައިވާ މައިގަނޑު ސްރެޓަޖީ އާ އެއްގޮތަށް އާއިލާތަކަށާއި މުސްލިމް ފަތުރުވެރިންނަށްވެސް މި ފެއާރގެ ހަރަކާތްތައް އަމާޒުކޮށްފައިވެއެވެ. ވިޒިޓް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ ދެކުނު އިރުމަތީ މާކެޓު އަލުން އާލާކޮށް، މި މާކެޓުން ދަތުރުފަތުރުކުރުމަށް އަލުންހުޅުވާލުމާ ގުޅިގެން، މި މާކެޓުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ކުރިން އޮތް ހިސާބަށް އަލުން ގެނައުމެވެ.
މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.
މިދިޔައަހަރު 9,539 ފަތުރުވެރިން ވަނީ ދެކުނު އޭޝިޔާ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރު ފެބްރުއަރީގެ ނިޔަލަށް ބަލާލާއިރު މި މާކެޓުން 755 އަށް ވުރެ ގިނަ ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށް ކުރިއަށްގެންގޮސްފައެވެ.
މީގެ ތެރެއިން ޓްރިޕްޒިއްލާ އާ ގުޅިގެން ކުރިއަށް ގެންދިޔަ މާކެޓިންގް ކެމްޕެއިނަކާއި, އެޕަލް ވެކޭޝަންސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕެއިނަކާއި, ދެކުނު އޭޝިޔާ ފަތުރުވެރިކަމުގެ ދާއިރާގާ މަސައްކަތްކުރާ އޭޖެންޓުންނަށް ހާއްސަކޮށްގެން ބޭއްވި ތަމްރީންކުރުމުގެ އީ-ލާނިންގް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖެގާ ވޭތުވެދިޔަ 2 އަހަރުތެރޭ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. މިގޮތުން 4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
މިގޮތުން، ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން މިހާރު ނުޖެހޭނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.
13 މާޗްއިން ފެށިގެން ރާއްޖޭގައި އަޅާފައިވާ މީގެ ދެ އަހަރު ކުރިން އިއުލާން ކުރި ސިއްހީ ކުުއްލި ނުރައްކަލުގެ ހާލަތު މިވަނީ އުވާލާފައެވެ. ދަތުރުފަތުރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި ކޮވިޑްގެ އިތުރު ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރުމަށް ފަތުރުވެރިންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!