މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބަލްކް ކެރިއަރ ބޯޓެއް ގަތުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ގެންނަ ބޯޓެއްކަމަށެވެ.

Ad
rt

ސައީދު ވިދާޅުވީ މި ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓު ކަމަށާއި މިއީ 190 މީޓަރުގެ ބޮޑު ބޯޓެއް ކަމަށެވެ. އެމްއެސްއެލްގެ ދުވަސްވަރުވެސް މި ސައިޒުގެ ބޯޓެއް ގަނެފައިނުވާކަމަށާއި، މިއީ 4400 ޓަނުގެ ބޯޓެއްކަމަށެ ވިދާޅުވި އެވެ.

"މިއީ 190 މީޓަރުގެ ދިގު ބޯޓެއް، މިއީ ފުޓްބޯޅަ ދެ ދަނޑު ވަރުގެ ބޮޑު ބޯޓެއް،"

ސައީދު ވިދާޅުވިއެވެ.

ހިލަ އަދި ހިލަވެލި އުފުލުމަށް ބޭނުންކުރުމަށް ނިންމާފައިވާ މި ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެގޮތުން 4 މުވައްޒަފުން ފިޔަވައި ދެން ތިބި ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންކަން ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ މި ބޯޓުގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށާއި އަދި ހުރިހާ ފަރާތްތަކަށްވެސް ހިލަ އާއި ހިލަވެލި ރާއްޖެއަށް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފައެވެ. "އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.