ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ މިފްކޯ އިން މަސް ގަންނަ އަދަދު ލިމިޓް ކޮށްފިއެވެ.

އެ އަދަދު ލިމިޓް ކުރީ މިއަދުން ފެށިގެންނެވެ. އެގޮތުން މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރުވާނީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ.

Ad
rt

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު، ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާތީ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފައެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނައެވެ.

ކިޔޫގައި ތިބި ދޯނިތަކުގެ ތެރެއިން އިއްޔެގެ ނިޔަލަށް ކިޔޫ އަށް އަރައި ތިބި ދޯނިތަކުން ބާނާފައިވާ ހުރިހާ މަހެއް މިފްކޯ އިން ގަންނާނެ ކަމަށް ވެސް ބުންޏެވެ.

މިފްކޯގެ ދެކުނުގެ ކެޕޭސިޓީއަކީ 420 ޓަނެވެ. އެ ކެޕޭސިޓީ އިތުރު ކުރުމަށް މާދަމާ އެ ކުންފުނީގެ ޖަޒީރާ-102 ކޫއްޑު އަށް ދާނެ އެވެ. އެއީ 100 ޓަނުގެ މަސް ގަނެވޭ ވަރުގެ ބޯޓެކެވެ.

ކެޕޭސިޓީއަށް ވުރެ ގިނައިން މަސް ލިބޭތީ މިފްކޯ އިން އަންނަނީ ކޯލްޑް ސްޓޯރޭޖްތަކުން ޖާގަ ހޯދަން ކެރިއާ ބޯޓުތައް ގެންގޮސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.