އަހަރެމެންގެ ނަބިއްޔާގެ އަރިހުން އަނަސް ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ.

((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ )) رواه أبو داود و قال العلامة الألباني حسن صحيح و انظر صحيح سنن أبي داود 2/449.

Ad
rt

މާނައީ: ”(މަޣްރިބު) ނަމާދުގެ ކުރިން ރަސޫލުﷲ صلى الله عليه و سلم ރުޠަބުތަކަކުން (ދޮންވެފައިވާ ކަދުރުން) ރޯދަވީއްލަވައެވެ. ދޮންވެފައިވާ ކަދުރު ނެތްކަމުގައި ވަނީނަމަ ހިކިކަދުރުން ރޯދަވީއްލަވައެވެ. ހިކިކަދުރު ނެތްކަމުގައި ވަނީނަމަ ފެނުން ރޯދަވީއްލަވައެވެ.“

ނޯޓް: ރުޠަބަކީ އެއްވެސް ހާލެއްގައި ރޯކަދުރެއްނޫނެވެ. އެއީ ރޯކަދުރު ދޮންވެ ފައްކާވުމުން ކިޔާ ނަމެވެ. ރުޠަބު ހުންނާނީ މަޑުކޮށް ތެތްކޮށެވެ. ޢަރަބި ބަހުގައި "ރުޠޫބާ" ކިޔަނީ ތެތްކަމަށެވެ. ރުޠަބަށް މިނަން ދެވުނީ މިމަރުޙަލާގައި ވާ ކަދުރުތަކުގައި ފުދޭވަރަކަށް ތެތްކަން ހުންނާތީއެވެ.

ކަދުރުން ރޯދަ ވީއްލުމުގެ މުހިންމުކަން ބަޔާން ކުރައްވަމުން އޭ.ސީ.ޕީ.އެން.ވައި ގެ ކާރޑިއޮލޮޖީ ޑިޕާޓްމެންޓުގެ ޗެއަރ، އަދި ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރސް ހަދާފައިވާ ޑރ. ހާތިމް އަޙްމަދު އޭނާގެ އޮފިޝަލް ޓްވިޓަރ ހޭންޑްލްގައި ވިދާޅުވެފައިވާ ވާހަކަކޮޅެއް ގެނެސްލާނަމެވެ. "ކަދުރަކީ، ދިގު ރޯދައަކަށް ފަހު ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިންމު މާއްދާ ތަކަކުން ފުރިފައިވާ އެއްޗެކެވެ.

ފުރަތަމަކަމަކަށް ކަދުރުގައި ވަރަށް ގިނަ އަދަދަކަށް ގުލްކޯޒް އާއި ފްރަކްޓޯޒް ހިމެނެއެވެ. (މިދެ މާއްދާއަކީވެސް ހަކުރުގެ ދެމާއްދާއެވެ.) އެހެންކަމުން މަދުވެފައިވާ ލޭގައި ހަކުރު ހިމެނޭ މިންވަރު އިތުރު ކޮށްދެއެވެ. 3 ކަދުރު އޮށުން ހަށިގަނޑަށް ފަސޭހަކަމާއެކު 30-45 ގުރާމް ހަކުރު ލިއްބައިދެއެވެ. މިއާއެކު، ދިގު ރޯދައަކަށްފަހު ހަށިގަނޑުގައި ބްލަޑް ޝުގަރް (ލޭގައި ހަކުރު ހިމެނޭ މިންވަރު) ހަމައަކަށް އަޅުވާލައެވެ.

ހަމައެހެންމެ ކަދުރަކީ އޭގައި އެތައްބައިވަރު ވިޓަމިނަކާއި މިނަރަލް ތަކެއް އެކުލެވޭ ބާވަތެކެވެ. އެގޮތުން، މެގްނީޒިއަމް، ވިޓަމިން ބީ6، އެންޓި-އޮކްސިޑެންޓްސް އަދި ފައިބާ ހިމެނެއެވެ. ފައިބާ އަކީ އެހިމެނޭ އެއްޗެއް ކެއުމުން ފުރިފައި ހުރިކަމުގެ އިހުސާސު ގެނުވައިދޭ އެއްޗެކެވެ.

ކަދުރުން ލިއްބައިދޭ އަނެއް ފައިދާ އަކީ، ރޯދައިގެ ސަބަބުން ކުޑަވެފައިވާ މައިދާގައި މާ ބޮޑު ޖާގައެއް ނެގުމަކާ ނުލާ އެތައްބައިވަރު ފައިދާތަކެއް ހަށިގަނޑަށް ލިއްބައި ދިނުމެވެ. އެހެންކަމުން ސައިންޓިފިކް ނަޒަރުން މި ބަލާލި ބަލާލުމުންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ރޯދަ ވީއްލުމަށް ބޭނުންކުރެއްވި ބާވަތް ކަމުގައި ކަދުރު އިޚްތިޔާރު ކުރެއްވި ސަބަބު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފިއެވެ."