ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ސެވިއްޔާ މައްޗަށް ކުރިހޯދާ ތާވަލްގެ 2 ވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބާސާގެ ހަމލާތަށް ފެނުނީ ސެވިއްޔާ އަށްވުރެ ގިނަކޮށެވެ. އެގޮތުން މެޗުގައި ބާސާއިން ވަނީ 19 ހަމަލާއެއް ފޮނުވާލާފައެވެ. 6 ހަމަލާއެއް ގޯލާ އަމާޒުވީއިރު ސެވިއްޔާގެ 8 ހަމަލާގެ ތެރެއިން ގޯލާ އަމާޒު ވެފައިވަނީ 3 ހަމަލާއެކެވެ.

Ad
rt

ލީގުގެ ކުރީ ކޮޅުގައި 7 ވަނައިގައި އޮތް ބާސާ ކުޅުން ރަނގަޅު ވެގެން ދިޔައީ އެޓީމްގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ކޯޗު ކަމާ ހަވާލުވި ފަހުންނެވެ. ޒަވީ ކޯޗު ކަމާ ހަވާލުވި ފަހުން ބާސާއިން ވަނީ 1 ވަނައިގައި އޮތް ރިއާލް، 3 ވަނައިގައި އޮތް އެތުލެޓިކޯ އަދި 4 ވަނައިގައި އޮތް ސެވިއްޔާވެސް ބަލި ކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ސެވިއްޔާ މައްޗަށް ކުރިހޯދި ގޯލް ބާސާއަށް ޖަހައިދިނީ ސުޕެއިންގެ ހުނަރުވެރި މިޑްފީލްޑަރ ޕެޑްރީ އެވެ. އޭރިޔާ ބޭރުން ގޯލްގެ ތިރީކަނަށް ފޮނުވާލީ ސެވިއްޔާގެ 2 ކުޅުން ތެރިންކައިރިން ނައްޓާލާފައެވެ. މެޗުގެ 72 ވަނަ މިނެޓުގްއި ޕެޑްރީ ޖެހި މި ގޯލަކީ މިފަހަރުގެ ލީގުގައި ޖެހި 2 ވަނަ ގޯލެވެ. ޖުމްލަ 20 ފައުލް ފެނިގެން ދިޔަ މި މެޗުގައި ކޮންމެ ޓީމަކަށް ވަނީ 3 ރީދޫ ކާޑް ދައްކާފައެވެ. މީގެ އިތުރުން ބާސާގެ ކޯޗް ޒަވީއަށްވެސް ވަނީ ރީދޫ ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއިއެކު ބާސާ، އެތުލެޓިކޯ، ސެވިއްޔާ ކޮންމެ ޓީމަކަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ބާސާ އަށް 2 ވަނަ ލިބެނީ ހެޑް ޓް ހެޑް އަށް ބަލައިގެންނެވެ. ސެވިއްޔާ، އެތުލެޓިކޯ ކޮންމެ ޓީމެއްވެސް 30 މެޗު ކުޅެފައިވާއިރު، ބާސާއިން ކުޅެފައިވަނީ 29 މެޗެވެ.