މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެންނެވެ.
އެގޮތުން އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މައިގަނޑު 34 ދާއިރަކުން ނަން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ވެސް ނަން ހުށައެޅޭނެއެވެ.
ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. މީގެ އިތުރުން، http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންވެސް މިއަހަރު އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ، މިއަހަރުގެ އެޕްރީލް މަހުގެ 2 ވާ ހޮނިހިރު ދުވަހުން ފެށިގެން، މިއަހަރުގެ މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގައެވެ. މިފޯމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި އެއޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެހެނިހެން މަޢުލޫމާތާއި ތަކެތި ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އީމެއިލް ކުރާނަމަ، ފޮނުވާނީ info@po.gov.mv އަށެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދެއްވުމަށްވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!