ދިވެހިރާއްޖޭގައި ތެދުހަދާ ވަޒީރަކު ހުރިކަމަށްވާނަ އެ ވަޒީރަކީ ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބުދުﷲ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ދޮގުހައްދަވާފައިވާކަމަށާއި، އެހެންވެ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅު އަޅަން ގޮވައިލާ މައްސަލައެއް ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު 18 މެންބަރުންގެ ވޯޓުން އެ މައްސަލަ މަޖިލީހަށް ބަލައިނެ ވަނީ ބަހުސް ކުރިއަށް ގެންދަވާފައެވެ. މައްސަލައާއި ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް ތެދުބަހުން ޖަވާބު ދޭންޖެހޭނެކަމަށް ޤާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ކޯޓުތަކުގައި މައްސަލަތައް ލަސްވުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީ 2022
ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގޯސްހަދާ ފަރާތްތައް
ފުލުހުންގެ އިދާރާއާއި ތަޙުޤީޤު އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކުން ގޯސް ހަދަނީ
ރޭވިގެން، އިންތިޒާމްވެގެން ކުރާކަމެއްގެ ގޮތުގައިކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވިކަމަށް އެ މައްސަލާގައި ވެއެވެ.
އޭޖީ އެހެން ވިދާޅުވުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ފޮނުއްވި ޖަވާބުގައި، ޤަޞްދުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ނެތްކަމަށް ވިދާޅުވެފައިވާކަމަށް ވެސް ބުނެފަވެއެވެ.
ހޯމް މިނިސްޓަރުގެ މި މިޖަވާބާ ގުޅިގެން، ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން ފާހަގަކުރައްވާފައިވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ނުވަތަ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް އާދަމް ޝަރީފްގެ މައްސަލާގައި ވަނީ ފާހަގަ ކުރަށްވާފައެވެ.
އެހެންކަމުން އޭނާގެ މައްސަލާގައި ވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ވަޒީރު ދެނެގަނެ، އެ ވަޒީރާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިލާކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާ ޤަބޫލުކުރަށްވާގޮތުގައި ދިވެހިރާއްޖޭގައި ތެދުހަދާ ވަޒީރަކު ހުރިނަމަ އެ ވަޒީރަކީ ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ކަމަށެވެ،
"އެކަން އެނގިވަޑައިގަންނަވާނެ އިއްޒަތްތެރި ރައީސަށް ވެސް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް، މި މަޖިލީހުގެ މެންބަރުންނަށް ވެސް، މި މަޖިލީހުން ވަރަށް އިޚްލާޞްތެރި ވޯޓެއް ދީގެން ޝައިޚް ޢިމްރާން، އެ މަނިކުފާނުގެ ޕާޓީގައި އެއްވެސް މެންބަރަކު ނެތްއިރުގައި މި މަޖިލީހުން ފާސްކޮށްފައި އެ އިނީ." ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަހަކަށްއައިސް ވަރަށް ބޮޑެތި މައްސަލަތައް ޤައުމާ ދިމާވަމުން ދާކަމަށާއި، އޭގެތެރޭގައި ފުލުހުންގެ ތެރޭގައި ވެސް މައްސަލަތައް އެބަ ހުރިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި، ޕާޓީތަކުގެ ތެރޭގައި ވެސް މައްސަލަތައް އެބަ ހުރި ކަމަށެވެ. އަދި އެ ހުރިހާ ކަމަކީ ވެސް ރަނގަޅުކުރަންޖެހިފައި ހުރި ކަންތައްތައް ކަމަށެވެ.
"ޤާނޫނުއަސާސީ އުފަންކުރި ފަހުން ސާދަފަނަރަ އަހަރު ވެގެންދިޔައިރުގައި އަޅުގަނޑުމެންގެ ތެރޭގައި އުފަންވެފައި ހުރި އާދަކާދަތަކެއް އެބަ ހުރި. އެއީ ސަގާފަތުގެ ގޮތުން ހުރި ކަންތައްތައް. އެ ކަންތައްތަކުން އަޅުގަނޑުމެން ނެއްޓިދާނެ. ވަގުތު ނަގާނެ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވަޒީރަކު، ވަޒީރުކަމުގެ މަޤާމުން ވަކިކުރާއިރު، މަޖިލީހަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ "މީނާތޯ ދޮގުހެދީ، އޭނާތޯ ދެގުހެދީ ސާފުނުވާ ގޮތަކަށް" ކަމަށެވެ. އަދި އެ ތަނުން ކާކުކަމެއް އެނގިވަޑައިނުގެންނެވިކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!