މިއަހަރުގެ ރޯދަ އެލަވެންސް އަންނަ ހޯމަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދޭން ޖެހޭނެކަމަށެވެ.
އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަންޏެވެ.
ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންގެ ތެރެއިން ޕޭ ކުރާ ގޮތަށް ނުވަތަ ނުކުރާ ގޮތަށް ރޯދަ މަހު ޗުއްޓީގައި އުޅޭ މުވައްޒަފުންނަށް އެލަވެންޒް ނުދޭން ވަނީ އަންގާފައެވެ. ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުން ނަމަ އެ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެ އަދަދު ދޭން ވަނީ އަންގާފައެވެ.
މީގެ އިތުރުން ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ވެސް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސުން ވަނީ އަންގައިފައެވެ.
ފިނޭންސުން ބުނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!