ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭއިން އިތުރު ހަތަރު ކުންފުންޏަކަށްދީފިއެވެ.
މިއަދު އެ ލައިސަންސް އެމްއެމްއޭއިން ދީފައިވަނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ. ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސްއަށް ދިނީ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ހުއްދައެވެ.
އެ ހިދުމަތަކީ މިހާރުވެސް އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން އެ ދެ ކުންފުނިން ދެމުން އަންނަ ހިދުމަތެކެވެ.
ޕޭޔާ ޕްރައިވެޓް ލިމިޓެޑާއި ފަހި ޕޭ އަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫ ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ކުރިން އުރީދޫއާއި ދިރާގަށް ވެސް ވަނީ ލައިސަންސް ދީފައެވެ. ދިރާގަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތަށް ބޭނުންވާ ލައިސަންސެވެ. އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދޭން ބޭނުންވާ ލައިސަންސެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!