ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ.
ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މިއަދުއެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ.
އެސްޓީއޯއިން އެ ލެބް ގާއިމް ކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުންދިޔައީ ރާއްޖެއިން ބޭރަށެވެ. އޭގެ ސަބަބުން ތެޔޮ ޓެސްޓް ކުރަން އެކަނި ކުންފުނިތަކުން ބޮޑެތި ހޭދަ ކުރަން ޖެހެއެވެ.
މި ލެބް ގާއިމް ކުރުމާއެކު ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓެއް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުންވަނީ ނިމުމަކަށް ގެނެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ އެ ލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.
ޖެޓްފިއުލްގެ އިތުރުން، ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓާސްތަށް ވެސް އެ ލެބޯޓަރީއިން ޓެސްޓްކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!