އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސް އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 325 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 256 މިލިއަން ރުފިޔާއެވެ.
މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކުރި އިރު އެކްސްޕޯޓް ކުރީ 309 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އޮމާނުންނެވެ. އެގައުމުން 621 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޔޫއޭއީން 613 މިލިއަން ރުފިޔާ އަދި އިންޑިއާއިން 509 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ 144 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި އިންޑިއާ އަދި ފްރާންސް ހިމެނެއެވެ.
އިމްޕޯޓާއި އެކްސްޕޯޓުން ރޯޔަލްޓީގެ ގޮތުގައި 13.2 މިލިއަން ރުފިޔާ މިދިޔަ މަހު ދައުލަތަށް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!