ރާއްޖޭގެ ފަތުރުވެރިކަމަޡަ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

މިއަދު ފެށި މި ޗެލެންޖް އިއުލާންކުރީ "ނަލަނަލަ ރާއްޖެ" ލަވަ ނެރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމެވެ.

Ad
rt

ތޮއްޔިބު ވިދާޅުވީ މި ޗެލެންޖަކީ ރަން އަހަރަށް ހާއްސަ ލަވަ އާއި ގޯލްޑަން ޖުބިލީ އިޝްތިހާރު ކުރުމަށް ފަށާ ހަރަކާތެއް ކަމަށެވެ.

ދިވެހިންނާއި ބޭރު މީހުންނަށް އެ ޗެލެންޖުގައި ބައިވެރިވެވޭއިރު އިނާމު ހުށަހަޅާފައިވަނީ ދިވެހިންނާއި ބިދޭސީން ވަކިންނެވެ.

ޗެލެންޖުގައި ދިވެހިންނާއި ބިދޭސީން ވެސް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ ދިވެހިންގެ ތެރެއިން 10،000 ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ފޮލޯވާސް ތިބި އެކައުންޓުތަކެވެ. އަދި ބިދޭސީންގެ ތެރެއިން އެއް މިލިއަން ފޮލޯވަރުންނަށް ވުރެ ގިނައިން ތިބި އެކައުންޓުތަކާއި އެ އަށް ވުރެ މަދުން ތިބި އެކައުންޓުތަކެވެެ.

ދިވެހި ޓިކްޓޮކް ހަދާ މީހުންގެ ތެރެއިން ދެ ކެޓަގަރީން ވެސް އެއްވަނަ އަށް ދާ މީހަކަށް 25،000ރ. ލިބޭއިރު ދެވަނަ އަށް 15،000ރ. އަދި ތިންވަނަ އަށް 10،000ރ. ލިބޭނެއެވެ. އަދި ބިދޭސީންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް ދެ މީހެއްގެ އަށް ދުވަހުގެ ޗުއްޓީ ޕެކޭޖެއް ލިބޭއިރު ދެވަނަ އަށް ހޮވޭ މީހަކަށް ދެ މީހެއްގެ ފަސް ދުވަހުގެ ޗުއްޓީ ޕެކޭޖެއް ލިބޭނެއެވެ.

އެ ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލާ "ނަލަނަލަ ރާއްޖެ" ލަވައިގެ އޯޑިއޯ ބޭނުންކޮށްގެ އަމިއްލަ ވީޑިއޯތައް ހަދާށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވަނަތައް ހޮވާނީ ވީޑިއޯތަކުން ވިއުސް އާއި ލައިކްސް އާއި ޝެއާ އެއްކޮށްގެން އެންމެ ގިނައިން މީހުންނާ އިންޓަރެކްޓްވާ ވީޑިއޯތަކަށެވެ.