ރޯދަ މަހު މުދާ ވިއްކާ ފިހަރާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވާ، ހިދުމަތް ދެވޭނެ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފަ އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މުދާ ވިއްކާ ތަންތަނުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެވޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ.
ކެފޭ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ރޯދަ މަހު ހިދުމަތް ދެވޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެފަދަ ތަންތަނުން ހިދުމަތް ދެވޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކަނޑައެޅި ވަގުތުތަކަށް އިސްކަންދީގެން އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!