2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަންގެ ގުރޫޕް އީގައި ރޭ ވޭލްސް އަދި ކޮރޯޝިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ.
ވޭލްސް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ އުއްމީދެއް ރޭ ގެނަސްދިނީ ފަހަތުން އަރައި ކޮރޯޝިއާ އާއި އެއްވަރުކޮށްގެނެވެ. މެޗު ފެށިގެން މެޗު ކޮންޓުރޯލް ކޮށްގެން ކުޅެން ފެށި ކޮރޯޝިއާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ކޮރޯސިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކާލޯ ވަލްސިޗް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ވޭލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރެއާލް މެޑްރިޑްގެ ފޯވަޑް ގެރަތު ބޭލް އެވެ. މިގްރޫޕްގައި ވޭލްސް އަދި ބާކީ 2 މެޗު އޮތް އިރު އޮތީ 8 ޕޮއިންޓާއިއެކު ޓޭބަލްގެ 4 ވަނައިގައެވެ. ކޮރޯސިއާ އޮތީ 14 ޕޮއިންޓާއިއެކު ޓޭބަލްގެ 1 ވަނައިގައެވެ.
ވޭލްސް ދެން ބައްދަލު ކުރާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އަޒަރުބައިޖާން އާއެވެ. އެއަށްފަހު ނޮވެމްބަރު 19 ވަނަ ދުވަހު ހަންގޭރިއާއި ބައްދަލު ކުރާއިރު މި ދެ މެޗުންވެސް ވޭލްސް މޮޅުވާން ޖެހޭނެއެވެ. ނަމަވެސް ގްރޫޕްގެ 3 ވަނައިގައި އޮތް ސްލޮވޭކިއާ އަށްވެސް ބާކީ 2 މެޗު އޮތްއިރު މި ދެ މެޗުން ސޮލޮވޭކިއާ 4 ޕޮއިންޓް ހޯދައިފިނަމަ ވޭލްސް ކަޓާނެއެވެ.
މި ގްރޫޕްގައި މިރޭ އަޒަރުބައިޖާން އާއި ހަންގޭރިއާ ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކުރީ ހަންގޭރިއާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!