އެމްޓީސީސީން "ހުވަނަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" މިއަދު އިފްތިތާހު ކޮށްފިއެވެ.
މިއަދު މާފަންނު ބަސް ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއާއި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާވެސް ގުޅުވައިގެން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ކުންފުނީގެ ސިޔާސަތަކީ މިންތީގެ ހަމަހަމަކަށް ގާއިމުކުރުން ކަމަށާއި، ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތްއޮތުން ނައްތާލުން ކަމަށެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލެވުނު ހުނަވަރު ޕްރޮގްރާމުން ތަމްރީން ވެގެން އަންހެން ބަސް ޑްރައިވަރަކާއި އަންހެން ބަސް އެޓެންޑެންޓުން ހަރަކާތްތެރިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އާންމުކޮށް ނުލިބޭ ޓެކްނިކަލް ވަޒީފާތަކަށް މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން އެމްޓީސީސީގެ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރުޞަތު ހުޅުވާލައި، އަންހެނުންނަށް އިސްކަންދިނުމަކީ އަންހެނުން ބާރުވެރިކުރުވައި މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
"ހުނަވަރު ބަސް ޑްރައިވަރ ތަމްރީން ޕްރޮގްރާމް" އަށް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުހެ ޝިއާރާ އެއްގޮތަށް ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރުފުޅާކޮށް، އަންހެނުން ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!