ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ "ބަންޑާރަ ކަޕް 2022"ގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަމިއްލަ ލޯފާމެއް ކޮޅަށް "ލަނޑު ގޯންޏެއް" ޖަހައިފިއެވެ.
ކުރީގެ އެޓަރނީ ޖެނަރަލް އަބްދުﷲ މުއިއްޒުގެ ލޯފާމްގެ ފަރާތުން ބަންޑާރަ ކަޕްގައި ކުޅޭ "ނަވާރަބައްތިރީސް" ކޮޅަށް ޑީޖޭއިން ވަނީ 15 ގޯލު ޖަހާފައެވެ. ނަވާރަބައްތިރީސް އިން ވެސް ރަނގަޅު ކުޅުމެއް މެޗުގައި ދެއްކިއެވެ. ނަމަވެސް ޑީޖޭއޭގެ ގޯލަށް ނުރައްކާކޮށްލެެވޭ ގޮތެއް ނުވެއެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ޑީޖޭއިން މޮޅު ކުޅުމެއް ދެއްކީ އަންސަރު އިބްރާހިމެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަސައްކަތް ކުރަމުންދާ އަންސަރު ފުރަތަމަ ޑިވިޝަނަކަށް ވެސް ކުޅެއެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ވެސް ކުޅެދީފައެވެ.
ޑީޖޭއޭގެ ޓީމަށް ސަޕޯޓު ކުރުމަށް އެ އޮފީހުގެ ގިނަ މުވައްޒަފުން ހެންވޭރު ދަނޑަށް އެއްވެފައި އޮތެވެ. ސަޕޯޓަރުންނާ އެކު ޓީމަށް ސަޕޯޓު ދިނުމަށް ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވެސް ދަނޑަށް ގޮސް ހުންނެވިއެވެ.
ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، 8 އަންހެން ޓީމު ވާދަކުރާނެއެވެ.

މިއަދު ވެސް ހެންވޭރު ދަނޑުގައި މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!