ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިގެންދާނެއެވެ.
މިއީ ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވުނު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ހޯދައިދީ ހުރިހާ އިންޖީނުގެތަކުގައި މަސައްކަތް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެން ދިޔަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!