ރާއްޖެ އެތެރެ ކުރާ ތެޔޮ ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަތުމަށް އެސްޓީއޯއިން ލެބޯޓްރީއެއް ހުޅުވައިފިއެވެ.

މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝިދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

Ad
rt

އެސްޓީއޯއިން ބުނި ގޮތުގައި މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ. ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށާއި އެކަން ހާސިލް ކުރުމަށް ދިވެހިން ތަމްރީން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ލެބޯޓްރީއާ އެކު ރާއްޖެ އަށް ތެޔޮ އެތެރެ ކުރާ ފަރާތްތަކަށާއި އެއާޕޯޓުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ މިހާރު ތެލުގެ ކޮލިޓީ ޗެކް ކުރަން ބޭރަށް ފޮނުވާއިރު މި ލެބާ އެކު އެ ހަރަދުތައް ކުޑަވާނެ ކަމަށެވެ.

އެސްޓީއޯ ލެބުގައި ހަދާ ޓެސްޓުތަކަށް ޖީސީސީ އެކްރިޑޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރިޑޭޝަން ލިބޭނެއެވެ. އެހެންވެ، ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެ ޓެސްޓް ގަބޫލު ކުރާނެއެވެ.