މި އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕުގެ ގްލޯބަލް ކަނެކްޓިވިޓީ ސާވިސް ޕްރޮވައިޑަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ މިއަހަރުގެ ވޯލްޑްކަޕް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ، ސުޕްރީމް ކައުންސިލް ފޯ ޑެލިވަރީ އެންޑް ލެގަސީ އާއި (އެސްސީޑީއެލް)އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޤަތަރުގެ ވެރިރަށް ދޯހާއާއި، އިނގެރޭސިވިލާތުގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ސިންގަޕޫރު ގުޅާލެވޭނެ ކަމަށެވެ.
ޤަތަރުގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ކަނެކްޓިވިޓީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ބައިނަލްއަގުވާމީ 50 މީޑިއާއަކަށް ލައިވް ފީޑާއި ޑޭޓާ ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އުރީދޫ ޤަތަރުގެ ޗީފް ބިޒްނަސް އޮފިސަރު ޝެއިޚް ނަޞީރު ބިން ޙަމަދް ބިން ނަޞީރު އައްޘާނީ ވިދާޅުވީ އެސްޑީއެލްސީ އިން އެ ކުންފުންޏަށް އިތުބާރުކޮށް، މި މަސައްކަތް ހަވާލުކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
އަދި، މީގެ ކުރިން ޤަތަރުގައި ބޭއްވުނު އެކި ކުޅިވަރު ހަރަކާތްތަކުގައި ވެސް އުރީދޫއިން ވާނީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީ، އިތުބާރު ގާއިމުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެސްސީޑީއެލްގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ބްރޯޑްކާސްޓް ޓެކްނޮލޮޖީ މެނޭޖަރު މުޙައްމަދު އަލްޚަތަރު ވިދާޅުވީ މީގެ ކުރިން ވެސް އުރީދޫއާއި އެކު އެތައް މަސައްކަތެއް ކުރެވިފައިވާކަމަށާއި، އެ ހުރިހާ ކަމަކީ ވެސް ކާމިޔާބު ކަންކަން ކަމަށެވެ.
އުރީދޫއަކީ މުޅި އެ ސަރަހައްދުގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުންފުނިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް ފެށެން އެންމެ އަށް މަހަށް ވެފައިވާއިރު، ޤަތަރުން އަންނަނީ އެ މުބަރާތަށް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!