މިފްކޯއިން ވިއްކާ މަހުގެ ބާވަތްތަކުގެ އަގު އަންނަ މެއި މަސް ނިމެންދެން އެއްވަރެއްގައި ބަހައްޓަން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑު ކުރި ނަމަވެސް މިހާރު ކުރިއަށްދާ ޕްރޮމޯޝަން ނިމެންދެން މަހުގެ ބާވަތްތައް އަގުބޮޑު ނުކުރާނެ ކަމަށެވެ.
އަދި އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އެ ކުންފުނީގެ އުފެއްދުންތައް ހުސްނުވެ އެ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް މިފްކޯއިމް ބުންޏެވެ.
ބާޒާރުގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބެނީ 610ރ. އަށެވެ. އަދި 24 ދަޅުގެ ކުޑަ ކޭހެއް ލިބެނީ 305ރ. އަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކުން 17ރ. އިތުރުކޮށްފައިވާ ކަމަށެވެ.
އަދި މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައްވެސް ކުޑަކުރެވިފައި ވާކަމަށާއި ބޭރުގެ މާކެޓްތައް ހޯދި ދަޅުމަސް ބޭރުކުރެވޭ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!