އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް 5 ބޭފުޅެއްގެ ނަން، ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މިއަދުގެ ޖަލްސާގައި ވަނީ އެ ނަންތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ.
އެގޮތުން ދިރާސާ ކުރައްވައި ގޮތެއް ކަނޑައެޅުމަށް އެކޮމިޓީއަށް ފޮނުވާފައިވާ ނަންތަކަކީ:
- އާދަމް ޝާމިލް، ރަތްވިލާގެ، ތ. ވިލުފުށި
- އަބްދުއްސަލާމް، ހަވާ، ށ. ނަރުދޫ
- ތާހާ މުހައްމަދު، ކަޅިހާރުގެ، އދ. މާމިގިލި
- ޝަޒްނާ ހާޝިމް، ރިހިވިލު، ހދ. ނޮޅިވަރަންފަރު
- ޝިޔާމާ މުހައްމަދު، ނާރެސް، ރ. ހުޅުދުއްފާރު
ނަންތައް ދިރާސާ ކުރެއްވުމުގައި ކޮމެޓީން މި ބޭފުޅުންނާ އިންޓަވިއު ކުރަށްވާނެއެވެ. އެއަށްފަހު ކޮމެޓީ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ ނަންތަކަށް މާކުސް ދެއްވާނެއެވެ. ނަންތައް ފާސްކުރާނީ ކޮމެޓީ ރިޕޯޓު ތަޅުމަށް ފޮނުއްވައި، ވޯޓަށް އަހައިގެންނެވެ.
އޭސީސީގައި ކުރިން ތިއްބެވި 5 މެމްބަރުންގެ ތެރެއިން 3 މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށްފައިވައި ވަނިކޮށެވެ. އަދި އެއީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ދެވަނަ ފަހަރެވެ. ކޮމިޓީއަށް ހުށައެޅުމުގެ ކުރިން އެމަގާމުގައި ތިއްބެވި 2 ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަަކަށްޓަކައި ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމިޓީއިން ނިންމީ އެކަށީގެންވާ މިންވަރަށް މަސައްކަތްތަކެއް ނުކުރެވޭތީއެވެ.
އޭސީސީގައި މެންބަރެއް ނެތުމުން މިވަގުތު އެ ކޮމިޝަން އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!