"ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މުބާރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ރާވައި އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތްް އިފްތިތާޙުކޮށްފައިވަނީ ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި އިފްތިތާޙީ ޙަފްލާގައެވެ. ބަންޑާރަ ކަޕް 2022 އިފްތިތާޙުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.
ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، 8 އަންހެން ޓީމު ވާދަކުރާނެއެވެ. ބަންޑާރަ ކަޕް 2022 ގެ މެޗުތައް ފެށޭނީ 1 މާޗް 2022 ގައެވެ.
މި އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ކްލަބުގެ ރައީސް އަލްއުސްތާޛާ ފާޠިމަތު ޙަލީމް ވިދާޅުވީ، ބަންޑާރަ ކަޕްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، އެ ނޫންވެސް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާހައުލެއްގެ ތެރެއިން، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުންކަމަށެވެ.
މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް ޤަސްދުކުރައްވާ ކަމަށާއި، އެގޮތުން މި އަހަރު ބޭއްވޭ ބަންޑާރަ ކަޕް 2022 އަކީ މި މުބާރާތުގެ ފުރަތަމަ އިންސްޓޯލްމަންޓްކަމަށް ބަންޑާރަ ކްލަބުގެ ރައީސް އަލްއުސްތާޛާ ފާޠިމަތު ޙަލީމް ވިދާޅުވިއެވެ.
ބަންޑާރަ ކްލަބަކީ، 24 މެއި 2011 ގައި، އޭރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅުން މުޢައްސިސުންގެ ގޮތުގައި ހިމެނިގެން، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!