މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "ބޯޑާ މައިލްސް" ޕްރޮގްރާމުގެ ދަށުން އަބާރަނަ (ގޯލްޑް) ޓިއާ ރާއްޖޭގެ ޓޫރިޒަމްގެ ޕައިނިއަރެއް ކަމަށްވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިން އަށް ދީފިއެވެ.
މިއީ ރާއްޖެ އަށް އައި ފަތުރުވެރިއަކަށް މި ޓިއާ ދިން ފުރަތަމަ ފަހަރެވެ.
މި ޓިއާ ކޯބިން އަށް އެރުވީ، އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށް ފަހު، ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވިި ރަސްމިއްޔާތުގައެވެ. މި ޓިއާ އޭނާއާއި އޭނާގެ ދަރިއަށް އެރުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރާވާފައިވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކޯބިން ރާއްޖެ ވަޑައިގަތީ މި މަހުގެ 15 ގައެވެ.
ކޯބިން އަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް ގެނައި ބޭފުޅާ އެވެ. މި ގްރޫޕުގައި ކޯބިންގެ ދަރިފުޅު ޖޯޖިއާ ވެސް ހިމެނެއެވެ.
އެ ދެބޭފުޅުންނަށް އިމިގްރޭޝަނުން އެރުވި ޓިއާއާއެކު އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަ ކޮންމެ ފަހަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިލޭ ވީއައިޕީގެ ހިދުމަތް ލިބޭނެއެވެ. އަދި ބޯޑާ މައިލްސް ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޕާޓްނާ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!