އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައކްަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 އިންސައްތަ މަސައްކަތާއި 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި ބޯހޯލް ތޮރުފުމާއި ގޭގޭގައި ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއީ ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެއެވެ. އަދި ފެނުގެ ނިޒާމު ހިންގާ ބެހެލެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.
މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!