ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެންއެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަަސްވުމުގެ ދަށުން އަޅާ ސަބްމެރިން ކޭބަލް ގުޅާލާނީ ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލާއެވެ. މި ޕްރޮޖެކްޓް ހިންގާ އޯސީއެމް އަކީ ސަރުކާރިގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ރާއްޖޭގެ އިންޓަންޓުގެ އަގު އަދިވެސް ބޮޑުކަން ފާހަގަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ކޭބަލާ އެކު އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާއިން ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަބްމެރިން ކޭބަލް މެދުވެރިކޮށް އިރުމައްޗާއި ހުޅަނގުގައު ކަނެކްޝަނެއް ތައާރަފުކުރާނެއެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެއެވެ.
މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެއެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެއެވެ.
މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯސީއެމުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތަށް ތައްޔާރު ވާނީ 2024 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!