ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ މޯލްޑިވްސް ގޭސްގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތައް ސުވާލު މާކުތަކުން ފުރާލައިފި އެވެ.
އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގެ ޕްރޮފައިލްވެސް ވަނީ ބަދަލުވެފަ އެވެ.
މި ސުވާލު މާކު ތަކާއި ގުޅިގެން އާންމުން އަންނަނީ އެކި ސުވާލު ކުރަމުންނެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ހެޔޮ އަގުގައި ގޭސް ވިއްކަމުން އަންނަ މޯލްޑިވްސް ގޭސް އިން ގޭސް އަގު ހެޔޮ ކުރަނީތޯ ނުވަތަ އެކުން ފުނިން ވިއްކަމުން އަންނަ ފުއްޕާ ހަމަ އަޅާ “ހީލިއަމް ގޭސް” ހުސްވަނީތޯ ވެސް ބައެއް ފަރާތްކުން މަޖާޒީ ގޮތަކަށް ސުވާލުކޮށްފައި ވެއެވެ.
މި ސުވާލުމާކުގެ މާނަ އަދި ސާފުވާގޮތެއް ނުވި އެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު ފޮނިވާނެކަމަށް ގަބޫލު ކުރެވެއެވެ.
އެސްޓީއޯ ހިއްސާވާ މޯލްޑިވްސް ގޭސް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި، އެކި ބޭނުންތަކަށް ބޭނުންވާނެ ގޭހުގެ އެކި އާ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް އަތްފޯރާ ފަށުގައި ވިއްކަމުން އަންނަ ކުންފުންޏެވެ.
ގޭސް ފުޅިއަކަށް އޯޑަރ ކުރުމަށް އެންމެ ފަސޭހަ އިންތިޒާމްތައް ހަމަޖެހިފައިވަނީ މޯލްޑިވްސް ގޭސް އިންނެވެ. އެ ކުންފުނީގެ ކަސްޓަމަރުންނަށް ގޭގައި ތިބެގެން އޮންލައިންކޮށް ގޭހަށް ފައިސާ ދެއްކޭ އިންތިޒާމު، އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order އަށް ޒިޔާރަތް ކުރުމުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.
އެސްއެމްއެސް ކޮށްގެން ގޭސް ފުޅި އަށް އޯޑަރު ދިނުމުން ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭސް އިން ހަމަޖައްސާފައިވެއެވެ. މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ކަސްޓަމަރެއްގެ ކޯޑާއި އައިޑީ ކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން އޯޑަރު ކުރެވޭނެ އެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ރީ-އޯޑާ ކުރާ ކަސްޓަމަރުން، އެ މީހެއްގެ ކޯޑާއި އައިޑީ ކާޑު ނަމްބަރު އެކަނި ފޮނުވުމުން ވެސް ގޭސް ފުޅި އަށް އޯޑަރު ކުރެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!