އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ސާލިމް ކިބައިން މަރަށް މަރު ހިފަން މަހްމޫދުގެ ހުރިހާ ވާރިސުން އެދުމުން މައާފަށް އެދި ސާލިމް ކޯޓުގައި އާދޭސްކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލި މައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ ކިބައިން މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުން ނުވާ ކަމަށް މަހްމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން އޭނާގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފަ އެވެ.

Ad
rt

ވީމާ އިސްލާމީ ޝަރީއަތުގެ ދަށުން ސާލިމަށް މަރުގެ އަދަބު ނޫން އަދަބެއް ދެވެން ނެތް ކަމަށް ދައުލަތުންނާއި ސާލިމް ވަކީލް ވެސް މިއަދު ވަނީ ކޯޓުގައި ބުނެފަ އެވެ.

އެކަން އެނގުމުން ސާލިމް ވަނީ ކޯޓުގައި އަޑުން އަޑުނަގައި ރޮމުން، އޭނާއަށް މައާފް ދޭން އެދިފަ އެވެ. މަހްމޫދު މަރާލީ އޭނާގެ ބޮލަށް ސައިތާނާ ވަސްވާސް ދިނުމުން ކަމަށް ބުނެ ސާލިމް ބުނީ އޭނާގެ ދަރިންނާއި މައިންބަފައިން އެބަތިބި ކަމަށެވެ. އަދި އެކަމަށްޓަކައި މައާފުކޮށް ދިނުން އެދި ގާޒީގެ ކިބައިން އޭނާ އާދޭސްކުރި އެވެ.

ސާލިމްގެ އާދޭހާ ގުޅިގެން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ އެ މައްސަލާގެ ހުކުމް އަންނަ ބުރާސްފަތި ދުވަހު އިއްވާނެ ކަމަށެވެ.