ސިޙްރުވެރިޔާ ސިޙްރު ހަދަނީ ޙަޤީގަތަކަށް ނުވާ މަތިވެރިކަމެއް ހޯދައިގަތުމަށެވެ. އޭގެ ބަދަލުގައި އޭނާގެ ނަފްސަށް ނިކަމެތިކަންދީ ޝައިޠާނާ އޭނާއަށް އިހާނާތްތެރިކޮށް ހިތުމަށެވެ.

ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. "ސިޙްރު ހެދުމާއި ތަރިތަކުން ބޭނުންތަކުގައި އެދުމާއި އެތަކެއްޗަށް ތަސްބީޙަކިޔުމާއި އެތަކެއްޗާއި މުޚާޠަބު ކުރުމާއި އެތަކެއްޗަށް ސަޖިދަކުރުމުގެ ތެރެއަށް ވަންނަމީހުން ތިބާ ދެކޭނެތެވެ. ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން އެކަންކުރާ މީހާގެ ބޭނުމަކީ ފައިސާއާއި ރިއާސަތެވެ. ފަހެ، އޭނާ ކާފަރުވެއެވެ. އަދި ﷲއާ އެކު ޝިރުކު ކުރެއެވެ. އެއީ އޭނާއަށް ހީވެފައިވާ ރިއާސަތާއި ފައިސާ ޙާޞިލުކުރުމުގެ ބޭނުމުގައެވެ. އަދި އޭނާއަށް ގެއްލުންވެ، އޭނާއަށް ފައިދާއެއް ނުވާ ކަމެއް މެނުވީ އޭނާއަށް ޙަޞިލެއް ނުވާނެތެވެ. އެއީ އެކަމަށް ދުނިޔޭގެ ކަންހިނގާ ގޮތް ދަލީލުކުރާ ފަދައިންނެވެ."

Ad
rt

ސިޙްރުވެރިޔާ ސިޙްރުހަދައި ޝިރުކުގެ ނުބައި ޢަމަލުގެ ތެރެއަށް ވެއްޓިގެން ދަނީ ފައިސާގެ ބޭނުމުގައެވެ.

ފަހެ، ހަމަކަށަވަރުން ފިރްޢަޥްނު ސިޙްރުވެރިން ގާތުގައި ސިޙްރުން މޫސާ عليه السلام އާ ކުރިމަތިލުމަށް އެދުމުން އެބައިމީހުން އޭނާ (ފިރްޢަޥްނު)ގެ ކައިރިން އެދުނީ ފައިސާއަށެވެ. ސިޙްރުވެރިންގެ ޚަބަރުތައް ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ.

وَجاءَ السَّحَرَةُ فِرعَونَ قالوا إِنَّ لَنا لَأَجرًا إِن كُنّا نَحنُ الغالِبينَ ‎﴿١١٣﴾‏ قالَ نَعَم وَإِنَّكُم لَمِنَ المُقَرَّبينَ ‎﴿١١٤﴾ الأعراف: ١١٣ – ١١٤

މާނައީ " ފިރްޢަޥްނުގެ ގާތަށް ސިޙްރުވެރިން އަތުވެއްޖެއެވެ. އެއުރެން ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނަންވާނެއެވެ. އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ."

ފަހެ، ފިރްޢަޥްނު އެބައިމީހުންނަށް ފައިސާދިނުމަށް ވަޢުދުވިއެވެ. އަދި އެބައިމީހުން އޭނާއާ ގާތްކުރުމަށްވެސް ވަޢްދުވިއެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުން ފައިސާއާއި ( އެހެން މީހުންގެ މައްޗަށް ) ފާޅުވުމަށް ލޯބިކުރެތެވެ.

ސިޙްރުވެރިޔާ ސިޙްރުހަދަނީ، އޭނާ ޝައިޠާނާގެ އަޅަކަށް ވާނޭކަމާއި، ހަމަކަށަވަރުން ޝައިޠާނާ އޭނާއަށް ބޮޑަށް ގެއްލުންދޭކަމާއި، އޭނާއަށް ފައިދާހުރި އެތައްކަމެއް އޭނާގެ މައްޗަށް ފަސާދަކުރާކަން އޭނާއަށް އެނގިހުރެއެވެ. ފަހެ، ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރަނީ ސިޙްރުވެރިޔާގެ ސަބަބުން އެހެން މީހުންނަށް ގެއްލުން ދިނުމަށެވެ.

ޝައިޚުލް އިސްލާމު ވިދާޅުވެފައިވެއެވެ. "އަދި ޝައިޠާނާއަކީ އޭނާގެ ނަފްސުގައި ނުބައިކަން ބޮޑުވެގެންވާ އެއްޗެކެވެ. ފަހެ، ތަވީދުތަކާއި ރޮގުތަކާއި ސިޙްރު އެކުލެވޭ ރޫޙާނިއްޔަތުގެ ފޮތްތަކާއި އަދި އެފަދަ އެހެންތަކެތީގެ ޞާހިބު މީހާ، ޝައިޠާނުންނާ ކުއްތަންވަނީ އެބައިމީނުން ލޯބިކުރާ ކުފުރާއި ޝިރުކުންނެވެ. އަދި އެކަންވެގެންދަނީ އެބައިމީހުންނަށް ( ޝައިޠާނުންނަށް ) ރިޝްވަތު ދިނުންފަދަ ކަމަކަށެވެ. ފަހެ، އެހައިރުން ޝައިޠާނުން ސިޙްރުވެރިޔާގެ ބައެއް ބޭނުންތައް ފުއްދައިދެއެވެ. އެއީ މީހަކު އެމީހަކު ބޭނުންވާ މީހަކު ޤަތުލުކުރުމަށްޓަކައި ނުވަތަ ފާޙިޝް ޢަމަލެއް ކުރުމަށްޓަކައި އެމީހާއަށް އެހީވުމަށް ނުވަތަ އެމީހަކާއެކު ފާޙިޝްޢަމަލެއް ހިންގުމައްޓަކައި އެހެންމީހަކަށް ފައިސާދިނުންފަދަ ކަމެކެވެ."

ސިޙްރުވެރިޔާ ދިރިއުޅެނީ އުފަލުގައި ހެއްޔެވެ؟

މިދުނިޔޭގައި ސިޙްރުވެރިޔާ އުޅެނީ ހިތާމައިގައެވެ. އޭނާއަށްވަނީ ދުނިޔޭގެ އުފާވެރިކަން ގެއްލިފައެވެ. އަދި އޭނާއަށްވަނީ ދީނުގެ މީރުކަމާއި ފޮނިކަން ގެއްލިފައެވެ. އޭނާ ޤުރުއާން އަޑުއެހުމަށް ނަފްރަތު ކުރެއެވެ. އަދި އޭނާ ބަންގިއަށް ބިރުގަނެއެވެ.

ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ. وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ (الفتاوى : ( 19/34 ))

މާނައީ " އަދި ތިމަންއިލާހުގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާ ހުށީމެވެ."

ސިޙްރުވެރިޔާ އޭނާގެވަގުތު ހޭދަކުރަނީ މީސްތަކުންނާ ދުރުގައެވެ. ސިޙްރުގެ ޢަމަލެއް ކުރުމަށާއި މީސްތަކުންނަށް ގެއްލުން ދިނުމަށް އޭނާގެގާތުގައި ކަމަކަށް އެދުމުން ނޫނީ އޭނާ އެބައިމީހުންނާ މުޢާމަލާތުކޮށް އެބައިމީހުންނާ ގުޅުން ނުބާއްވައެވެ.

ޝައިޚުލް އިސްލާމް ސިޙްރުވެރިޔާގެ ޙާލު ޞިފަކުރައްވާ ވިދާޅުވެފައިވެއެވެ. "އޭނާއަކީ ނަޖިސްކަންމަތީގައިވާ، ކުއްތާތަކާއެކީ ދިރިއުޅޭ، ގިފިލިތަކާއި ކުނިވަށިތަކާއި ޤަބުރުސްތާންތަކާއި ކުނިގޮޑުގައި ނިދާއުޅޭ މީހެކެވެ. އޭނާގެ ގައިންދުވާ ވަސް ނުބައިވެގެންވެއެވެ. އޭނާ ޝަރުޢީ ޠަހާރަތުން ޠާހިރެއް ނުވާނެއެވެ. އަދި ހަށިގަނޑު ސާފްޠާހިރު ކޮށެއްވެސް ނަހަދާނެއެވެ."

ސިޙްރުވެރިޔާ ވަނީ ދުނިޔޭގައި ހިތާމަކުރާ މީހަކަށް ވެފައެވެ. އޭނާ ރޭގަނޑުގައި ހަމަޖެހިލައިގެން ނުނިދައެވެ. އަދި އުފާވެރި މީހެއްގެ ގޮތުގައި އޭނާ ދުވާލު ނުހޭލައެވެ. އަދި ކިއެއްތަ އޭނާ ރޭގަނޑުގައި ހޭލާހުންނަނީ އަނދިރި ތަންތާގައި މީރުވަސްދުވާ ތަކެތިން ދުންއެޅުމާއި ޝައިޠާނީ ވިރުދުތަކާއި "ތާ" އާއި "މީމު"ގެ އަޑު ގިނައިންފާޅުވާގޮތަށް ކިޔަވާ ޝިރުކުގެ ކިޔެވުންތައް ކިޔެވުމުގައެވެ. އަދި ދުވާލު އޭނާ ނިދަނީ ހިތާމަކޮށް، ނަފްސު ކުދިކުދި ވެފައިވާ މީހެއްގެ ގޮތުގައެވެ. އަދި ނުބައިވެގެންވާ ސިޙްރުވެރިޔާގެ ޙާލަކީ މިއީއެވެ.

وَمَا رَ‌بُّكَ بِظَلَّامٍ لِّلْعَبِيدِ (فصلت: ٤٦)

މާނައީ "އަދި އިބަނަބިއްޔާގެ ވެރި ރައްބުއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ." ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.

فَلَمّا أَحَسَّ عيسىٰ مِنهُمُ الكُفرَ قالَ مَن أَنصاري إِلَى اللَّهِ ۖ قالَ الحَوارِيّونَ نَحنُ أَنصارُ اللَّهِ آمَنّا بِاللَّهِ وَاشهَد بِأَنّا مُسلِمونَ ‎﴿٥٢﴾‏ (آل عمران: ٥٦)

މާނައީ " ފަހެ، ކާފަރުވީމީހުން ދަންނާށެވެ! ފަހެ، ދުނިޔެއާއި އާޚިރަތުގައި، ގަދަފަދަވެގެންވާ ޢަޛާބަކުން ތިމަންއިލާހު އެއުރެންނަށް ޢަޛާބުދެއްވާ ހުށީމެވެ. އަދި އެއުރެންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ."

އަދި ސިޙްރުވެރިޔާ ކުރާ ކޮންމެކަމެއްގެ ސުންޕާކަން ޖެހެނީ އޭނާއަށާއި އޭނާގެ ކައިރިން ސިޙްރުހެދުމަށް އެދޭ މީހަކަށެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.

وَلا يُفلِحُ السّاحِرُ حَيثُ أَتىٰ ‎﴿٦٩﴾‏ (طه: ٦٩)

މާނައީ " އަދި ސިޙްރުވެރިޔާ ކޮންމެއެއްޗެއް ގެނައިކަމުގައިވީނަމަވެސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ. "

ޤުރުޠުބީ ވިދާޅުވެފައިވެއެވެ. "އޭގެމާނައީ އޭނާ ( ސިޙްރުވެރިޔާ ) ބިމުގެ ކޮންމެދިމާއަކުން އައިކަމުގައި ވީނަމަވެސް އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ. އަދި އޭނާ ސަލާމަތެއްވެސް ނުވާނެއެވެ."

އަދި ސިޙްރުވެރިޔާ ﷲއަށް ކާފަރުވެފައިވުމުން، އޭނާގެ ހުރިހާ ޢަމަލުތަކެއް ﷲގެ ޙަޟްރަތުގައި ބާޠިލުވެގެންވެއެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.

وَلَقَد أوحِيَ إِلَيكَ وَإِلَى الَّذينَ مِن قَبلِكَ لَئِن أَشرَكتَ لَيَحبَطَنَّ عَمَلُكَ وَلَتَكونَنَّ مِنَ الخاسِرينَ ‎﴿٦٥﴾‏ (الزمر: ٦٥)

މާނައީ " އަދި ހަމަކަށަވަރުން އިބަ ނަބިއްޔާއަށާއި އިބަނަބިއްޔާގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. އިބަނަބިއްޔާ ޝާރީކު ކުރައްވައިފިނަމަ، އިބަނަބިއްޔާގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން އިބަ ނަބިއްޔާވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ."

އެމީހަކު ނަރަކައަށް ވަންނާނޭކަމުގެ ވަޢީދު އައިސްފައިވާ ޙާލުގައިވާ މީހެއްގެ ގާތަށް ދާމީހާ، އޭނާގެ ފަރާތުން (ސިހުރުވެރިޔާގެ ކިބައިން) އުންމީދު ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ﷲގެ އަޅުތަކުންގެ ތެރެއިންވި އެންމެ ދެރަ، ނިކަމެތި ޙާލުގައިވާ މީހާ ގެ ކިބައިން އެމީހެއްގެ ބޭނުންތައް ފުރިހަމަ ކުރުމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.