ޗެމްޕިއަަންސް ލީގުގައި ޕީއެސްޖީ އާއި ރިއާލް ބައްދަލުކުރި މެޗުގައި އެމްބާޕޭ ޖަހައިދިން ގޯލުން ރިއާލްގެ މައްޗަށް އެކެއް ސުމެއްގެ ނަތީޖާއަކުން ޕީއެސްޖީ ކުރިހޯދައިފިއެވެ.

އެމްބާޕޭ މިގޯލް ޖަހާފައިވަނީ މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ނޭމާ ދިން ޕާހަކުން އޭރިޔާތެރެއަށްވަދެ، ރިއާލްގެ ދެކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ބޯޅަ ގޯލް ތެރެޔަށް ވައްދާލައިގެންނެވެ.

Ad
rt

8 ރީންދޫ ކާޑު ފެނިގެންދިޔަ މިމެޗުގައި ގިނަވަގުތު ބޯޅަ ހިފާއްޓައިގެން ކުޅެފަވަނީ ޕީއެސްޖީއެވެ. ޕީއެސްޖީން ރިއާލްގެ ގޯލަށް އަމާޒުކޮށް 8 ހަމަލާ ފޮނުވާލި އެވެ. ރިއާލްއަށް ޕީއެސްޖީ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން، 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން ރިއާލްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފައެވެ.

މިދެޓީމް ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ މާޗް 10 ގައި ރިއާލްގެ ދަނޑުގައެވެ.

ޗެމްޕިއަަންސް ލީގުގައި ދެން ކުޅުނު އަނެއް މެޗުގައި ފަސޭހަ ކަމާއެކު ސްޕޯޓިންގެ މައްޗަށް މެންޗެސްޓާ ސިޓީން ވަނީ ކުރި ހޯދާފައެވެ. މިމެޗުން މެންޗެސްޓާރ ސިޓީ މޮޅުވީ 5-0 ންނެވެ.

މިމެޗުގައި ލަނޑުތަށް ކާމިޔާބު ކޮށްދިނީ މަހަރޭޒް، ސިލްވާ، ފޯޑެން އަދި ސްޓާލިންގ އެވެ. މީގެ ތެރެއިން ސިލްވާ ވަނީ ދެގޯލް ކާމިޔާބު ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭވެސް ދެމެޗު ކުޅޭނެއެވެ. އޮސްޓުރިއާގެ ރެޑުބުލްސަލްސްބާގް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު އިޓަލީގެ ޗެމްޕިއަން އިންޓަމިލާން ނުކުންނާނީ އަމިއްލަ ދަނޑުގައި އިނގިރޭސި ކުލަބު ލިވަޕޫލާ ދެކޮޅަށެވެ.

މި ދެމެޗުވެސް ފަށާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރުއެވެ.