ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކޮންމެ އަހަރަކު ހިންގާ “ރަށްފެހި” ޕްރޮގްރާމް މިއަހަރުވެސް ފަށައިފިއެވެ.

މިއަހަރުގެ ޕްރޮގްރާން ފެށީ މިއަދުއެވެ. މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ސްޓެލްކޯގެ އިސް ވެރިން ވަނީ ގަސް އިންދާފައެވެ.

Ad
rt

މި ޕްރޮގްރާމުގެ ދަށުން މިއަހަރު 6،000 ގަސް އިންދާއިރު ސްޓެލްކޯއިން ހިދުމަތް ދޭ 35 ރަށުގައިވެސް ޕްރޮގްރާމް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމަކީ 2018ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދު ނުކެނޑި ސްޓެލްކޯއިން ކުރިއަށްގެންދާތާ ހަތަރު އަހަރުވެއްޖެއެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭ މައި ކުންފުނި، ސްޓެލްކޯ އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މުޅި އަހަރަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމް މެދު ނުކެނޑި އެ ކުންފުނިން ހިންގަނީ ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް ރާއްޖޭގެ ފެހިކަން އިތުރު ކުރުމުގެ ބޭނުމުގައެވެ.

ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން އުފައްދާ ހަކަތައިގެ 50 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ. އޭގެ ސަބަބުން ދުމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެ، ކަރަންޓުގެ ހަރަދު ވެސް ކުޑަވެގެންދާނެއެވެ.