އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓް އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާއާ ހެދި ކަމަށާއި ހިއްސާ ދޫކޮށް، މިއަހަރު ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުސޫމް މިހެން ވިދާޅުވީ ކޯވިޑް 19 ފެށުނުއިރު ބަންދުކުރި ގޮތަށް މިހާތަނަށް އައިއިރުވެސް ޝަންގިއްލާ ނުހުޅުވި ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، ޝްންގްރިއްލާގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނައިރު އޭގެ ސަބަބުން އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު އެތަނަށް ލިބޭ ގެއްލުމުގައި ސަރުކާރުންވެސް ހިއްސާވާން ޖެހޭ ކަމަށެވެ. އެގޮތުބް ރިސޯޓަށް ލިބޭ މާކީ ގެއްލުން ފޫބައްދަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާ ޖެހޭ ކަމަށާއި 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
"30 ޕަސެންޓްގެ ހިއްސާ އޮވެ ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި އެހާގިނަ ދުވަސް ވީމާ ދައުލަތުން ވެސް ބޭނުންވަނީ އެހިއްސާ އެ ބޭފުޅުންނަށް ދޫކޮށްލައިފަ ކުރިއަށް ދެވޭނެ ގޮތެއް ހޯދަން." މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ޝަންގްރިއްލާގައި އޮތް ހިއްސާ ދޫކޮށްލަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައި ކަމަށާއި ނަމަވެސް އެ އިސއލާހުގެ ދަށުން ވެސް 80 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. މި ހިއްސާ ދޫކުރަން އެހެން ގޮތެއް ހޯދަން ޓޫރިޒަމްގެ ގާނޫނަށް އިތުރު އިސްލާހެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ އިސްލާހު މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެތަން ހުޅުވުމުގެ ކުރިން ބޮޑު މަރާމާތެއް ކުރަންޖެހޭ ކަމަށާއި، އުއްމީދު ކުރައްވަނީ މިއަހަރު ނިމުމުގެ ކުރިން އެތަން ހުޅުވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!