ހޫނު މޫސުމާ ދިމާކޮށް ކަރަންޓު އިގްތިސާދު ކުރާނެ ގޮތުގެ މައުޅޫމާތު ދިނުމަށް ސްޓެލްކޯއިން "ސޭވް އެނާޖީ" ކެމްޕޭން މިއަހަރު ވެސް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއީ މި ކެމްޕޭން ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މި ކެމްޕޭނުގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ސޭވް އެނާޖީ ކެމްޕޭނާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވީ، މި ކެމްޕެއިނާއެކު ވޭތުވެ ދިޔަ ދެ އަހަރު ކަރަންޓާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް މަދުވެފައިވާކަމަށެޗެ. އަދި ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވެ، އިގްތިސާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް 15 ޕަސެންޓް ވެސް ކުޑަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިގްތިސާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންދާނެއެވެ. މި ޕްރޮމޯޝަނުގައި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ބޭނުންވަނީ ކަރަންޓު ބިލު ބޮޑުކޮށް ރައްޔިތުން އަތުން އިތުރު ފައިސާތަކެއް ހޯދުން ނޫން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކަރަންޓު ސޭވް ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައިދީ ބިލު ކުޑަކުރުން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކެމްޕޭނާއެކު ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކާއި ކުޑަކުދިންގެ ހަވީރާއި ސޯޝަލް މީޑިއާ ކެމްޕޭނާއި ޕްރޮމޯޝަންތައް ހިމެނެއެވެ. އަދި ސްޓެލްކޯގެ މާޓީވީން ކަރަންޓު އިގްތިސާދު ކުރުނާ ގުޅޭ މައުލޫމާތު ދޭއިރު މާލޭގެ އެކި ސަރަަހައްދުތަކުގައި ބިލް ބޯޑުތައްވެސް ބަހައްޓާަނެއެވެ.