ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ.

Ad
rt

އެ ކުންފުނިން ގެންނަ ބަދަލާއެކު މާދަމާއި ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 13.04 ރ. އަށެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެއިރުން ފެށިގެން ތެޔޮ ވިއްކަމުން އައީ ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް ލީޓަރެއް 12.44 ރ. އަށެވެ.

ތެލުގެ އަގު މިރޭ އުފުލުމާއި އެކު ޕެޓްރޯލް ލީޓަރަކުން 92 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ ބޮޑަށް އުފުލެންފެށީ ކޮވިޑްގެ ހާލަތު ރަނގަޅުވެ ދުނިޔޭގެ އިގްތިސާދު ރަނގަޅުވާން ފެށުމުންނެވެ. އެއާއި އެކު ކުއްލިއަކަށް ތެލަށް އޮތް ޑިމާންޑް އިތުރުވީ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެން ހުރީ 94.44 ޑޮލަރަށެވެ. ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ.