ތިޔަބައިމީހުންނަށް ދުނިޔޭގައި ލިބިފައިމިވާ ދުވަސްކޮޅުގައި ހެޔޮ ޢަމަލުކުރުމުގައި އަވަސްވެގަންނާށެވެ. އަދި ތިޔަބައިމީހުން ބުނާ ބަސްތައް ޢަމަލުން ދައްކާށެވެ. ފަހެ ޙަޤީޤަތުގައި އިންސާނާގެ ޢުމުރަކީ ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ ދުވަސްތަކެވެ. ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް މަރުވުމަށްފަހު އޮތް ޙަޔާތަށްޓަކައި ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ނަފްސު ހަވާނަސްފަށް ތަބާކޮށް ދެން ﷲ ގެ ޙަޟްރަތުން އުންމީދުތައް ކުރާ މީހާއެވެ.

ޒަމާނަކީ މުދާފަދަ އެއްޗެކެވެ. އެ ދެކަމަށްވެސް ރައްކަތެރިވާން ޖެހެއެވެ. އަދި އެބޭނުންކުރުމުގައި އިޤްތިޞާދުކުރަން ޖެހެއެވެ. އަދި މުދަލާމެދު ދަންނައެވެ. އެ ޖަމާކޮށް ފަހުން ބޭނުންކުރުމަށް ރައްކާކުރެވެއެވެ. އަދި ކިއެއްތަ، އެ އިތުރު ކުރެވެއެވެ. ފަހެ، ޒަމާން އޭގެ އިދިކޮޅެވެ. ފާއިތުވާ ކޮންމެ މިނެޓަކާއި ހިނދުކޮޅެއް ދުވަހަކުވެސް ތިބާގެ ގާތަށް އެނބުރި ނާންނާނެއެވެ. އެކަމަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި އެއްކުރިކަމުގައިވިޔަސް މެއެވެ. އަދި ޒަމާނަށް ކަނޑައެޅިފައިވާ އަޖަލަކާއި ޢުމުރެއްވެއެވެ. އެއަށްވުރެ އަވަސްވުމެއް އަދި ލަސްވުމެއްވެސް ނުވެއެވެ.

Ad
rt

އޭގެ އަގު އަރައިގެން ދަނީ އެ ހޭދަކުރަން އެނގުމުންނެވެ. ފަހެ އެއަށް ރައްކާތެރިވުން ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އޭގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. އަދި ކިތަންމެ ގިނަ ވަގުތެއްގައިވެސް ނުވަތަ މަދު ވަގުތެއްގައިވެސް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.

ޢުމުރާއި ޒަމާން ވަރަށް ކުރެވެ. މާޒީވި އެއްޗެއް ފާއިތުވީއެވެ. އަންނަން ހުރި އެއްޗެއް އަންނާނެއެވެ. މުޅި ޢުމުރުގައި އޮތީ ކިޔަންމަންތެރިކަން އަދާކުރުމުގެ ދުވަސްތަކެވެ. އެއިން އެއްފަރާތް ވެވޭކަށް ނެތެވެ. އަދި އެއިން ކޮންމެ ހިނދުކޮޅަކީ އިމްތިޙާނެކެވެ. އެއަށް ފަރުވާކުޑަކުރާނެ ޖާގައެއް ނެތެވެ. އެގޮތުން މިކުރު ޢުމުރުން ދާއިމަށް ދެމިތިބޭނެ ސުވަރުގެތައް ގަނެވޭނެއެވެ. އެތަނުގައި ދެމިތިބުން ޒަމާނާއެކު ނިމުމެއް ނުވެއެވެ. އަދި އޭގެ އިދިކޮޅާމެދު ދަންނައެވެ. އޭނާގެ ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިމީހާއަށްވަނީ ގެއްލުމާއި ހަލާކެވެ.

ތިޔަބައިމީހުންގެ އަހުލުންނާއި ދަރިންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. ވަގުތަށް ރައްކާތެރިވެ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެބައިމީހުން ތަރުބިއްޔަތުކުރާށެވެ. އެއީ ޢިލްމު ހޯދުމަށް ނުވަތަ ޢަމަލުކުރުމުގައެވެ. ޙަލާލު ގޮތުގައި ފައިދާ ހޯދުމުގައި ނުވަތަ ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް އަޅުކަންކުރުމުގައެވެ.

ތިޔަބައިމީހުންގެ އުމުރުގެ ވަގުތުތައް ހޭދަކުރި ގޮތާބެހޭގޮތުން ﷲ ތަޢާލާ ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެއެވެ. ޤިޔާމަތްދުވަހު، ހަތަރުކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ހުރިތަނުން ގުޑުވާވެސް ނުލެވޭނެއެވެ. އެއީ އޭނާގެ ޒުވާންކަން ފަނާކުރީ ކިހިނަކުންކަމާއި، އޭނާގެ އުމުރު ހޭދަކުރީ ކިހިނަކުންކަމާއި، މުދާ ހޯދީ ކިހިނަކުންކަމާއި، އެ މުދާ ހޭދަކުރީ ކިހިނަކުންކަމާ އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާ އަދި އޭނާއަށް ދެއްވި ޢިލްމުން ޢަމަލުކުރީ ކޮން އެއްޗަކަށްކަމާމެދުގައެވެ.

ފަހެ، މީހަކު ހުސްފަޔާ އޮރިޔާން ޙާލު އެއްވެސް ނިވާކަމެއް ނެތި ޙިސާބު ބެއްލެވުމަށް އައިސް، އޭނާގެ ޢުމުރު ހޭދަކުރިގޮތާއި، އޭނާގެ ޒުވާންކަން ފަނާކުރިގޮތާމެދު ސުވާލު ވެވޭނެ ވަގުތަށް އިންތިޒާރުގައިހުރެ އެސުވާލުތަކަށް ޖަވާބު ތައްޔާކުރާހިނދު އެކަންތައްތަކުގެ ބޮޑުކަމާއެވެ! އެސުވާލު އަޅުގަނޑުމެންގެ ތެރެއިން މީހަކާ ކުރެވުމުން އޭނާގެ ހިތް މައްޗަށް އަންނަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ޒުވާންކަމުގެ ދުވަސްވަރުގައި ކޮށްއުޅުނީ ކޮންކަމެއް ހެއްޔެވެ؟ ﷲގެ އަޅުތަކުންނޭވެ! ސުވާލަށް ޖަވާބު ތައްޔާރުކުރާށެވެ. އަދި ޖަވާބަކީ ރަނގަޅު ޖަވާބަށް ހަދާށެވެ.

ބުއްދިވެރިއަކީ ދުނިޔަވީ ޙަޔާތުގެ ކަމެއްގައި ނުވަތަ އުޚްރަވީ ޙަޔާތުގެ ކަމެއްގައި މެނުވީ އޭނާގެ ވަގުތުތައް ހޭދަނުކުރާ މީހާއެވެ. ހުސްވަގުތަކީ ރަނގަޅަށް ބޭނުން ހިފިއްޖެނަމަ ނިޢުމަތެކެވެ. އަދި ގެއްލުވާލައިފިނަމަ ޢުޤޫބާތެކެވެ.

އިބްނު ޢައްބާސް ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ» [رواه البخاري]

މާނައީ: “މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްހަތާއި ހުސްވަގުތެވެ.”

ފަހެ، ވަގުތުތައް އިސްރާފުކުރުމަކީ ދީންވެރިކަމުގައިވާ އުނިކަމެކެވެ. އަދި ރައުޔުގައިވާ ބަލިކަށިކަމެކެވެ. އެއީ އެކަމުގައި ވަރަށް ގިނަމީހުން އިމްތިޙާނު ކުރެއްވިގެންވާ ކަމެކެވެ. ފަހެ، ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ފުރުޞަތުތައް ޣަނީމާކޮށް އެއަށް ރައްކާތެރިވާށެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم، މީހަކަށް ނަސޭހަތްދެއްވަމުން ޙަދީޘްކުރެއްވިއެވެ.

«اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هِرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاءَكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ» [رواه الحاكم والبيهقي وصححه الألباني]

މާނައީ: “ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”

އޭ ތަރުބިއްޔަތު ކުރައްވާ ބޭފުޅުންނޭވެ! ހިތްހަމަ ޖައްސާލުމަށްޓަކާކުރާ ކަންކަމާމެދު ދަންނައެވެ. އިސްރާފުކުރުމަކާ ނުލައި އަދި މުންކަރާތްތަކަށް އަރައިގަތުމަކާ ނުލާ އެކަންކަންކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ވާޖިބުވެގެންވާ ޙައްޤުތަކަށް ފަރުވާ ކުޑަކޮށްގެންވެސް ނުވާނެއެވެ. އެފަދައިން ޢަމަލުކުރުމަކީ މުބާހުކަމެކެވެ. އަދި އޭގެ ސަބަބަން ހަށިގަނޑަށް އާރޯކަން ލިބިގެންދެއެވެ. އެހެނަސް އަގުހުރި ގިނަވަގުތުތަކެއް އެކަމުގައި ހޭދަކޮށް ނުލާށެވެ. އަދި އެއީ ދާއިމީކޮށް އުޅޭ ގޮތްކަމުގައި ހަދާ ޣާފިލުވިޔަ ނުދޭށެވެ. އުންމަތް މިވަނީ އުންމަތުގެ ދަރިންގެ ވަގުތާއި ބާރުވެރިކަމަށް ނުހަނު ބޭނުންޖެހިފައެވެ.