2023 ވަނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތައްޔާރުވުމަށް، އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، އެ ޕާޓީގައި މިހާރު ތިބި މެންބަރުންނަށްވުރެ އިތުރު މެމްބަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Ad
rt

މިިގޮތުން 2023 ވަނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި މެންބަރު އިތުރުކޮށް އެ ޕާޓީއަށް ތާއީދު ހޯދުމުގެ ދަތުރުތައް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

"މީގެއިތުރުން މިއަހަރުގެ ތެރޭގައި ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވިގެންދާނެ، ހަމައެޔާއެކީ ރިޔާސީ އިންތިޚާބަށް ބޭއްވޭ ޕްރައިމަރީ މިއަހަރުގެ ތެރޭގައި ބާއްވާނަން، އެދުވަސްތަކާމެދު މިދަނީ މަޝްވަރާކުރަމުން، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢިއުލާން ކުރާނަން، މި ޕާޓީއަކީ ހުޅުވިފައި އޮތް ޕާޓީއެއް، މި ޕާޓީއަށް ހަމަ ބޭފުޅުން ވެދެވަޑައިގަންނަވަންވީ،" ނާޒިމް ވިދާޅުވިއެވެ.

އެޕާޓީގެ އެތެރޭގެ ކޮންމެ އިންތިޚާބަށްވެސް ވެގެން ދާނީ ދެފުއް ފެންނަ ގޮތައް ބޭއްވޭ އިންތިޚާބަކަށްކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޚާއްސަގޮތެއްގައި ރިޔާސީ އިންތިޚާބުގައި ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއްނަމަ އެ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނާޒިމް ވަނީ ދައުވަތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށެވެ.

މަޖިލީހަށް ވައްދަށް މިހާރު ތައްޔާރުކޮށްފައިވާ "އިންޑިއާ އައުޓް" ބިލަށް އެމްއެންޕީން ތާއީދު ނުކުރާ ކަމަށް ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ، އެމްއެންޕީން ޤަބޫލުކުރާ ގޮތުގައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތުމަކީ ޑިމޮކްރެސީއެއްގެ އެންމެ އަސާސީ އެއް ސިފަ ކަމަށެވެ. އަދި ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤެއް ޤާނޫނަކުން ނިގުޅައިގަނެވޭނެ ކަމީ އެ ޕާޓީން ދެކޭ އުސޫލާ ހަމައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫން އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަން އަންނަ ކަމަކަށް އެމްއެންޕީން ދުވަހަކުވެސް ތާޢީދު ނުކުރަށްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.